މިއަންނަ ސީޒަނުން ފެށިގެން ޓޮޓްނަމުން މަސައްކަތް ކުރަމުންދާނީ މުޅިން އެހެން ވިސްނުމަކާއެކު މުބާރާތްތައް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށް ޓޮޓްނަމްގެ ކޯޗު ޕޮޗެޓީނޯ ބުނެފެއެވެ.
އެއް ބިލިއަން ޕައުންޑްގެ އާ ސްޓޭޑިއަމަކަށް ދާދިފަހުން ބަދަލުވި ޓޮޓްނަމް ޓީމުން ދެން ފަށާނީ މުޅިން އާ ވިސްނުމަކާއެކު ކަމަށް ޕެޗެޓީނޯ ބުންޏެވެ.
އާ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ ފުލް ސީޒަންގައިވެސް ބޭނުންވަނީ ތައްޓަކާ ހަމައަށް ވާސިލްވާން ކަމަށާއި އެކަމަށް އިތުރު ކުޅުންތެރިން ގަންނަން ޖެހޭ ކަމަށްވެސް ޓޮޓްނަމްގެ ކޯޗު ބުންޏެވެ.
އާ ސްޓޭޑިއަމް ހެދުމަށް ކްލަބް ބަޖެޓުން ބޮޑު ހޭދައެއް ކުރުމާއެކު ނިމިގެންދިޔަ ދެ ޓްރާންސްފަރ ޕީރިއަޑްގައިވެސް ކުޅުންތެރިއަކު ގަނެފައި ނުވާ ޓޮޓްނަމް ކުރިއަށް އޮތް ސީޒަނަށް އިތުރަށް ވަރުގަދަ ކުރާނެ ކަމުގައި ޕޮޗެޓީނޯ ފާހަގަކުރިއެވެ. މިރޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ނިކުންނައިރު އެޓީމް އެތީ ފުރަތަމަ ލެގް އެކެއް ސުމަކުން ކާމިޔާބުކޮށް ރަނގަޅު ލީޑެއް ހޯދާފައެވެ. އެހެންނަމަވެސް މިމެޗުގައި ފޭވަރިޓުންނަކީ ސިޓީ ކަމަށް ޕޮޗެޓީނޯ ފާހަގަކުރިއެވެ.
ޕޮޗެޓީނޯ އާއެކު ކުރިން ޕީ.އެސް.ޖީއަށް ކުޅުނު ބްރެޒިލްގެ މަޝްހޫރު ތަރި ރޮނާލްޑީނިއޯ ވަނީ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޓޮޓްނަމްއަށް މިސީޒަންގައި ޗެމްޕިއަންސް ލީގް ކާމިޔާބުކުރެވިދާނެ ކަމަށް ބުނެފައެވެ. ރޮނާލްޑީނިއޯގެ ވާހަކައަށް އަލިއަޅުވާލަމުން ޕޮޗެޓީނޯ ބުނީ ރޮނާލްޑީނޯއަކީ ފުޓްބޯޅަ ވަރަށް ރަނގަޅަށް ދައްނަ މީހެއް ކަމަށާއި އެފަދަ ފަރާތަކުން ޓޮޓްނަމްއަށް އެވަރުގެ ބޮޑު ތަރުހީބެއް ދިނުމަކީ މުޅި ޓީމަށްވެސް ލިބިގެންދިޔަ އިތުރު ހިއްވަރެއް ކަމަށެވެ.