ވިޔަފާރި

ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


ވިމެން އިން މެނޭޖްމެންޓުން ދިވެހި އަންހެނުންނަށް ޚާއްސަކޮށްގެން ބާއްވާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2019" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15އިން މެއި މަހުގެ 15ގެ ނިޔަލަށެވެ.

މިއަހަރުގެ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް"ގައި 4 ކެޓަގަރީއަކުން 30 އެވޯޑު ދިނުމަށް ހަމަޖެހިފައެވެ. އެއީ ކެރިއަރ އެވޯޑު ކެޓެގަރީ، ބިޒްނެސް އެވޯޑު ކެޓެގަރީ، ޕްރޮފެޝަނަލް ކެޓަގަރީ އަދި ސްޕެޝަލް ކެޓެގަރީންނެވެ.

ކެރިއަރ އެވޯޑު ކެޓެގެރީގެ ދަށުން އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެވޯޑު ދެވޭއިރު ސްޕެޝަލް ކެޓަގަރީގެ ދަށުން އެންމެ ޒުވާން ހިންގުންތެރިޔާގެ އެވޯޑާއި އަންހެނުން ބާރުވެރިކުރުމަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ޖަމިއްޔާއަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް ބާއްވާތާ ދެވަނަ ފަހަރެވެ.

ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.