ވިޔަފާރި

ދިރާގު މުވައްޒަފުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި


ދިރާގުގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ކުންފުނީގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި މިޖަލްސާ ބާއްވާފައިވާއިރު މިއީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިރާގު އިނާމު ދިނުމުގެ ޖަލްސާ މެދުނުކެނޑި ބާއްވާތާ 30 ވަނަ އަހަރެވެ.

މި ހަފްލާގެ އެންމެ ޝަރަފްވެރި އިނާމުކަމަށްވާ ޗެއަޕާސަންސް އެވޯޑް ހާސިލްކޮށްފައިވަނީ ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ލީގަލް އެންޑް ރެގިއުލޭޓަރީ ފާތިމަތް ޝޫޒީއެވެ. މީގެ އިތުރުން މި ހަފްލާގައި ދިގު މުއްދަތުގެ ޚިދުމަތުގެ އެވޯޑް، އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް، ޑިވިޝަނަލް މެރިޓް އެވޯޑް, އަދި ސްޕެޝަލް މެރިޓް އެވޯޑް 78 މުވައްޒަފަކަށް ދީފައިވެއެވެ.
އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް ލިބިފައިވަނީ މެނޭޖަރ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖަރ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާނެވެ.

ދިރާގުން ބުނީ އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ. މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން އިސްކަންދޭ ކަމަކަށްވާއިރު، މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރާކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 30 އަހަރު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. ދިރާގުގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތުކަން، އަދި މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ 99 އިންސައްތަ ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ.

މިދިޔަ އާދިއްތަ ދުވަހު ދިރާގުން ވަނީ "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިއެވެ. އެހެންކަމުން ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކުރުމަށް ދިރާގުން ދަނީ ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.