ވިޔަފާރި

ހޯރަފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ފަށައިފި


ހއ. ހޯރަފުށީގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހއ. ހޯރަފުށީގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށާފައިވާއިރު، އެމަސައްކަތުގައި އެކުންފުނިން ބޭނުންކުރަނީ މަހާޖައްރާފެވެ. ބިން ހިއްކުމުގެ މަސައްކަތަށް މަހާ ޖައްރާފު ހޯރަފުށްޓަށް މިއަދު ދިއުމުން އެރަށު ރައްޔިތުން ވަނީ އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްސަ ފަރިވަޅެއް އަރުވާފައެވެ.

ހއ.ހޯރަފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓުގެ އަމަލީ މަސައްކަތް މިމަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވިދާޅުވީ ވަރަށް އަވަހަށް އެ މަސައްކަތް ނިންމާ ހޯރަފުށީ އެއާޕޯޓަކީ ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާއެކު އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމިނުގެ ސަރުކާރުގައި ހއ ހޯރަފުށި އެއަރޕޯޓް އެރަށާ ކައިރީގައި އޮންނަ މާފިނޮޅުގައި އެޅުމަށް ހަމަޖެހިފައި ވީނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ފެށި، ފެހިކަންގަދަ ރަށްތައް ހަލާކު ކުރުން މަދުކޮށް، ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި އެއަރޕޯރޓް އެޅުމުގެ މަސައްކަތް އަނބުރާ ހޯރަފުއްޓަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހޯރަފުށީގައި ހިއްކާފައިވާ ސަރަޙައްދު މިހާރަށް ވުރެ ބޮޑަށް ހިއްކައި، އެރަށުގައި އެއަރޕޯޓް ހެދުމަށް ސަރުކާރުން ނިންމެވިއެވެ. އަދި އެމަސައްކަތް 16 މަސް ދުވަހުގެ ތެރޭގައި ނިންމާނޭކަމަށް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

ހޯރަފުއްޓަކީ މިވަގުތު ތިންހާސް ހަތަރު ސަތޭއަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.