ލީގުގައި ބާކީއޮތް ހަތަރު މެޗު ކާމިޔާބުކޮށްގެން ލިވަޕޫލްއަށް މިފަހަރުގެ ޕްރިމިއަރ ލީގް ކާމިޔާބުކުރެވޭނެ ކަމަށް މިސްރު ފޯވާޑް މުހައްމަދު ސަލާޙް ބުނެފިއެވެ.
ސަލާޙް ބުނީ މިހާރު ހުރިހާވެސް ވިސްނުމެއް ހުރީ ކުރިއަށް ހުރި މެޗުތަކަށް ކަމަށާއި އުއްމީދަކީ މެންޗެސްޓަރ ސިޓީއަށް ކުރިއަށް ހުރި ހުރިހާ މެޗަކުން ތިން ޕޮއިންޓް ނުލިބުން ކަމަށް.
ލިވަޕޫލް މިވަގުތު އޮތީ ލީގުގެ އެއްވަނާގައި. އެހެންނަމަވެސް އެއީ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެން. ލީގުގެ ލިވަޕޫލްއަށް ދެން އޮތީވެސް ފަސޭހަ ހަތަރު މެޗު. އެއީ ކާޑިފް ސިޓީ އާއި ނިއުކާސްލް އާއި ކުޅެންޖެހޭ އަވޭ ދެ މެޗާއި ލިވަޕޫލް ދަނޑުގައި ހަޑަރސްފިލްޑް އާއި ވޮލްވްސް އާއި ބައްދަލުކުރާ ދެ މެޗު.
މިހަތަރު މެޗުން ޖުމްލަ ބާރަ ޕޮއިންޓް ހޯދައިގެން ލިވަޕޫލްއަށް ޕްރިމިއަރ ލީގު އުފުލާލެވިދާނެ ކަމަށް ސަލާޙް ބުނި.
ސަލާހް އެހެން ބުނި ނަމަވެސް ލީގު އުފުލާލުމުގެ އަމިއްލަ ބާރު އަދި އޮތީ މެންޗެސްޓަރ ސިޓީ އަތުގައި. ސިޓީ ކުޅެންޖެހޭ ފަސް މެޗު ކާމިޔާބުކޮށްގެން ލީގު ޗެމްޕިއަންކަން ޔަގީންކުރެވޭނެ. އެހެންނަމަވެސް ސިޓީއަށް ބާކީ އޮތް ފަސް މެޗުގެ ތެރެއިން ދެ މެޗަކީ ވަރަށް ވަރުގަދަ ދެ މެޗު. އެއީ ޓޮޓްނަމް އާއި ވާދަކުރާ މެޗުގެ އިތުރުން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރާ މެޗު.
ސަލާހް ބުނީ އެނާ މެންޗެސްޓަރ ސިޓީ ކުޅޭ މެޗުތައްވެސް ބަލާ ކަމަށާއި އެމެޗުތަކުން ލިވަޕޫލްއަށް އިތުރު ހިއްވަރެއް ލިބި އިތުރަށް މަސައްކަތްކުރަން ޖެހޭކަން އެނގޭކަމަށް. އެންމެ ފަހުން ޗެލްސީ އަތުން ދޭއް ސުމަކުން ލިވަޕޫލް މޮޅުވި މެޗުގައި ސަލާޙް ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެގުއޭރޯ އާއި އަރާ ހަމަކޮށްފައި. އެއީ ޖުމްލަ ނަވާރަ ލަނޑު ކާމިޔާބުކޮށްގެން. ސިޓީގެ އެގުއޭރޯވެސް ވަނީ ނަވާރަ ލަނޑު ކާމިޔާބުކޮށްފައި.