ބަޔާން މިޔުނިކް އަދި ޖަރުމަންގެ ކެޕްޓަން މެނުއަލް ނޯޔާ އަނެކާވެސް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
ނޯޔާއަށް އަނިޔާވެފައި ވަނީ ޖަރުމަން ބުންޑަސް ލީގުގައި އެންމެ ފަހު ބަޔާން މިޔުނިކް އާއި ފޯޗުނާ ޑަސަލްޑޯފް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފްގައި އަނިޔާވެގެން ނޯޔާ ބަދަލަކުރަން ޖެހުނުއިރު ބަޔާން މިޔުނިކްއިން ބުނީ ޓީމުގެ ގޯލް ކީޕަރު އަދި ކެޕްޓަން މަދުވެގެން ދެ ހަފްތާ ކުޅުމާ ދުރުގައި މަޑުކުރަން ޖެހޭނެ ކަމަށެވެ.
މިސީޒަނާއި މިދިޔަ ސީޒަންގައިވެސް ބޮޑުބައި އަނިޔާވެ ކުޅުމާ ދުރުގައި ހޭދަކުރަން ޖެހުނު ކީޕަރު ނޯޔާއަށް މިފިހަރު ދިމާވެފައިވަނީ މާބޮޑު އަނިޔާއެއް ނޫން ކަމަށްވެސް އެކްލަބުން ބުނެއެވެ. މިފަހަރު އަނިޔާވީ ކުރިން ތަދުވެފައިވާ ފައަށް ކަމަށާއި އެއީ ދެ ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ކުޅުމާ ބައިވެރިވެވޭނެ ކަމަށް ބަޔާންއިން ބުނެއެވެ.
ބަޔާން މިޔުނިކް މިހާރު އޮތީ ޖަރުމަން ލީގުގެ އެންމެ ކުރީގައި އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ލީގުގެ ދެވަނާގައި ޑޯޓްމުންޑް އޮތްއިރު ލީގުގައި ބާކީ އޮތީ ފަސް މެޗެވެ. ބަޔާންއިން މަސައްކަތް ކުރަމުންދަނީ ޖެހި ޖެހިގެން ހަތްވަނަ ފަހަރަށް ޖަރުމަން ބުންޑަސްލީގު އުފުލާލުމަށެވެ.