ޚަބަރު

ޕޯޓްގެ މަސައްކަތްތަކަށް މީހުން ތަމްރީނުކުރަނީ


ވިޔަފާރި ބަނދަރުގެ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޓިވެޓް އޮތޯރިޓީއާއިއެކު ސޮއިކޮށްފިއެވެ.

ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ޕޯޓްގެ މަސައްކަތްތަކަށް މީހުން ތަމުރީނުކުރުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި އެމްޕީއެލްގެ މުއައްޒަފުންގެ އިތުރުން، މި ދާއިރާއަށް ޝައުގުވެެރިވާ މީހުނަށް ފުރުސަތު ހުޅުވާލާނެއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓް ދާއިރާއަކީ ތަމްރީނު ލިބިފައި ތިބި މީހުން މަދު ދާއިރާއެއްކަމަށެވެ.
އެމްޕީއެލް އިން ވަނީ މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް 6 ކޯހެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ، އޮޓޮމޯޓިވް މެއިންޓަނަންސް، އިލެކްޓްރިޝަން، ކަރޕެންޓްރީ، އައިޓީ، މެރިން މެކޭނިކްސް އަދި އެއަރކޮންޑިޝަން އެންޑް ރެފްރިޖެރޭޓަރ ފަދަ ކޯސްތަކެވެ. މި ކޯސްތަކުން 100 މީހަކަށް ތަމްރީނުދިނުމަށް ހަމަޖެހިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"މެރިން އިންޖިނިއަރިންގ، ޓެކްނިކަލް މީހުން، މެނޭޖަރުން ލެވެލްގައި މަސައްކަތް ކުރާ މީހުން ލިބުން ވަރަށް ދަތި. މި ޕްރޮގްރާމް ވެގެންދާނީ މި ދާއިރާއިން މީހުން ބިނާކޮށް ޝައުގުވެެރިކަން އުފެއްދުމަށް ކުރެވޭ މަސައްކަތަކަށް. " އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

ޓިވެޓާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ލެވެލް 3ގެ ކޯސްތަކެވެ.

ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން މުޙައްމަދު ހާޝިމް ވިދާޅުވީ، މުއައްސަސާތަކާއި ގުޅިގެން، ވަޒިފާގެ ފުރުސަތުތައް ހުރި ދާއިރާތަކުން މީހުން ބިނާކުރުމަކީ ކުރެވޭ މުހިންމުކަމެއްކަމަށެވެ. މިފަދަ ޕްރޮގްރާމްތައް ލެވެލް ވަޒަން ކުރެވޭ ފަދަ ކޯސްތަކަށް ވުމަކީ ކޯހުގެ ފެންވަރު ހިފެއްހެއްޓޭ ކަމެއްކަމަށެވެ.

" މީ ވަރަށް ސްޓޭންޑަޑައިޒްކޮށް ކޮލިޓީ ހިފަހައްޓައިގެން ކުރިއަށްގެންދާ ކޯސްތަކެއް. ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އެމްކިއުއޭ ޤަބޫލުކުރާ ސެޓްފިކެޓްވެސް ލިބޭނެ" ސްޓޭޓް މިނިސްޓަރު ހާޝިމު ވިދާޅުވިއެވެ.

ޓިވެޓުން ބުނެފައިވަނީ އެކި މުއައްސަސާތަކުން މިފަދަ ކޯސްތައް ހިންގަން އެދުމުން، އެފަރާތްތަކުން ބޭނުންވާ ހުރިހާ އެހީތެރިކަމެއްް އެ އޮތޯރިޓީން ދޭނެކަމަށެެވެ.
6 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، މި ކޯސްތަކުގެ ދެ ބުރެއް ކުރިއަށްގެންދާނެއެވެ. މި ކޯސްތަކަށް ވަނުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.