ޚަބަރު

ކަނޑުފޭރޭ މީހުންގެ ދިދައެއް ސިޓީ ސްކޮޔަރގައި ނެގިކަމަށްބުނެ ފެތުރީ ދޮގު ޚަބަރެއް- އައްޑޫ ސިޓީ ކައުންސިލް


ސަރުކާރުން ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދޭކަމަށްބުނެ އައްޑޫ ސިޓީ ސްކޮޔަރގައި ކަނޑުފޭރޭ މީހުންގެ ދިދައެއް ނަގާފައިވާކަމަށްބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވަނީ ދޮގު ޚަބަރެއްކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އޮންލައިން ނޫހެއްގައި، "ސަރުކާރުން ވައުދު ނުފުއްދުމުން އައްޑޫގައި ކަނޑުފޭރޭ މީހުންގެ ދިދައެއް ނަގައިފި" މި ސުރުހީގެދަށުން ލިޔެފައިވަނީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ސަރުކާރާއި އައްޑޫ ސިޓީގެ ރައްޔިތުންނާ ދެމެދު ނަފްރަތު އުފެއްދުމަށް އެ ނޫހުން ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްކަމަށާ، އެކަން ހަރުކަށި އިބާރާތުން އެ ކައުންސިލުން ކުއްވެރިކުރާ ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވާނެކަމުގެ ފުރިހަމަ ޔަޤީން ކަން އައްޑޫގެ ރައްޔިތުންނަށް އެބައޮތް ކަމަށެވެ. އަދި މިހާރުވެސް އައްޑޫ ސިޓީ ސްކޮޔާގައި ޤައުމީ ދިދަ ނެގުމަށް ކުރަން ޖެހޭ މަސައްކަތް ހަލުވި ކަމާއެކު ކުރަމުންދާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫސިޓީ ކައުންސިލް އިން ކޮއްފައިވާ ޓްވީޓް

އައްޑޫ ސިޓީ ސްކޮޔާގައި ކަނޑުފޭރޭ މީހުންގެ ދިދައެއް ނެގިކަމަށް ޚަބަރު ފެތުރިފައިވާއިރު، އެއީ 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ މެދު ތެރޭގައި ހިނގި ކަމެކެވެ. އަދި ރާއްޖޭގެ އޮންލައިން ނޫހަކުން މިއަދު ލިޔެފައިވާ ޚަބަރަކީ އޭރު އައްޑޫ ސިޓީގެ އޮންލައިން ނޫހަކުން އެކަމާ ގުޅިގެން ލިޔުނު ޚަބަރަކާ ހަވާލާދީ ލިޔެފައިވާ ޚަބަރެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިހާރު އެނޫހުން ވަނީ އެ ޚަބަރު ނަގާފައެވެ.