ޚަބަރު

ހުޅަނގު އައްސޭރީގައި މީހުން ވަޒަންވެރިކުރުވުމުގެ މައްސަލައިގައި ޕޮމްޕެއޯއަށް ފަލަސްތީނުގެ ހޫނު ރައްދެއް


ހުޅަނގު އައްސޭރީގައި އިސްރާޢީލުން ޔަހޫދީން ވަޒަންވެރިކޮށްފައިވާ ސަރަހައްދުތައް ވަކިކުރުމަށް އެގައުމުގެ ބޮޑުވަޒީރު ހުށަހަޅުއްވާފައިވާ ހުށަހެޅުމުގެ ސަބަބުން މެދުއިރުމަތީގެ ސުލްޙައަށް އެމެރިކާއިން ޤާއިމުކޮށްފައިވާ ޕްލޭނަށް އެއްވެސް ބުރުލެއް ނާރާނެކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒިރު މައިކް ޕޮމްޕިއޯ ދާދި ފަހުން ދެއްކެވި ވާހަކަތައް، ފަލަސްޠީނުގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ހުކުރު ދުވަހު ޕޮމްޕިއޯ ވިދާޅުވީ، ދާދީ ފަހުން އިސްރާއީލުގައި ބޭއްވި ޢާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މި ވާހަކަތަކުގެ ސަބަބުން މެދު އިރުމައްޗަށް ސުލްޙަ ގެނައުމަށް އެމެރިކާއިން އެކުލަވާލާފައިވާ ޕްލޭނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.

ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތައް ވަކިކުރާނެކަން ނަތަންޔާހޫ ހާމަކުރެއްވީ އިންތިޚާބުގެ ކުރިން ވާހަކަ ދައްކަވަމުންނެވެ. މި ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ދައްކަވާފައިވާ ވާހަކަތައް ކުށްވެރިކުރައްވާ ފަލަސްޠީނުގެ ރިޔާސީ ތަރުޖަމާނު ނަބީލް ޢަބޫ ރުދައިނާ ވިދާޅުވީ، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ވަޒަންވެރިކުރުމަށް އަޅާފައިވާ ހުރިހާ ގެތަކާ އިމާރާތްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އަޅާފައިވާ ތަންތަން ކަމަށާއި، މިއީ ފަލަސްޠީނުގެ ސަރަހައްދުތައް ކަމަށެވެ.

އަދި އެމެރިކާއިން މިފަދަ ކަންކަމަށް ތާއީދުކޮށް ދައްކާ ވާހަކަތަކަށް ފަލަސްޠީނުން ދެކޮޅުހަދާ ކަމަށާއި މިއީ ޒިންމާދާރުކަން ކުޑަ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ފވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރުދައިނާ ވިދާޅުވީ، ޤުދުސްގެ މައްސަލަ އާއި ފަލަސްޠީނާ ގުޅުންހުރި އެހެން ކަންކަމުގައި އެމެރިކާއިން މިހާތަނަށް ގެންގުޅެފައިވާ ސިޔާސަތުތަކުގެ ދަށުން އެމެރިކާއިން މިކަމުގައި ޤާއިމުކޮށްފައިވާ ސުލްހައިގެ ޕްލޭން ފަލަސްޠީނުން ބަލައިނުގަންނާނެ ކަމަށެވެ.