ޚަބަރު

މިސްރުގެ ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙުތަކަށް ވޯޓަށް އެހުން މާދަމާ


މިސްރުގެ ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކާ ބެހޭގޮތުން އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދުވަހު ވޯޓެއް ނަގާނެކަމަށް މިސްރުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޢަލީ ޢަބްދުލް ލާލް ވިދާޅުވެއްޖެއެވެ. މިސްރުގެ ޤާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ވެރިކަމުގައި މިހާރު ހުންނެވި ރައީސް ޢަބްދުލް ފައްތާޙް ޢަލް ސިސީގެ ރިޔާސީ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ އިސްލާޙެއް ހިމެނެއެވެ.

މި ގޮތުން ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އެންމެ ފަހު އިސްލާހުގެ ދަށުން ސީސީގެ ރިޔާސީ ދައުރު އިތުރު ދެ އަހަރަށް އިތުރުކޮށް، އަނެއްކާ އިތުރު އެއް ދައުރަށް ވާދަކުރުމުގެ ފުރުސަތު ސީސީއަށް ލިބިގެންދާނެއެވެ. މިހާރު އޭނާ އަދާކުރައްވަމުން އެ ގެންދަވަނީ ރިޔާސަތުގެ ދެވަނަ ދައުރެވެ.

މިސްރުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޢަބްދުލް ލާލް ވިދާޅުވީ، އަންގާރަދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ނަގާ ވޯޓުން މި ހުށަހެޅުންތައް ފާސްވެއްޖެނަމަ މި އިސްލާހުތައް ޤާނޫނު އަސާސީގައި ހިމެނުމާ ބެހޭގޮތުން ޢާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެކަމަށެވެ. މި ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިސްރުގެ ޤާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ފަސް ސަތޭކަ ނުވަދިހަ ހަ މެމްބަރުންގެ ތެރޭގައި ގިނައީ ރައީސް ޢަބްދުލް ފައްތާޙް ޢަލް ސީސީއަށް ތާޢިދުކުރައްވާ ބޭފުޅުންނެވެ. މިސްރުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނެފައިވަނީ ޤާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުތަކާއެކު، އެ ޤައުމުގެ އަސްކަރިއްޔާއަށް އިތުރު ބާރުތައް ލިބިގެންދާނެކަމަށާއި މިކަމުގެ ސަބަބުން މަދަނީ ސަރުކާރުގެ ވެރިކަން ބަލިކަށިވެގެންދާނެ ކަމަށެވެ.