ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގަނީ ޤާނޫނާއި ހިލާފަށްކަމުން އެތަން ހުސްކޮށް ސަރުކާރާއި ހަވާލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ އަންގައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އާންމުނަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ބްރިޖް ވިއުއިން ޕްލެޓް ފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްޤީކުރުމަށް 2016 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 22 ވަނަދުވަހު ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާ ކުންފުންޏާއި ދެމެދު އެއްބަސްވުމެއް ޤާއިމްކޮށްފައިވާކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެތަން 3 އަހަރު ދުވަހަށް ހިންގުމަށް ދިނުމަށްފަހު 2017 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 13 ވަނަދުވަހު އެއްބަސްވުމަށް ބަދަލުގެނެސް ތަނުގެ މުއްދަތު 8 އަހަރަށް އިތުރުކޮށްފައިވާކަމަށްވެސް ޕްލޭނިން މިނިސްޓްރީގެ ނޫސް ބަޔާނުގައިވެއެވެ.
ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލި މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދައްކާފައިނުވާތީ، މިދިޔަ މަހުގެ 7 ވަނަ ދުވަހު އެއްބަސްވުން ބާތިލްކޮށްފައިވާކަމަށްވެސް ޕްލޭނިން މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ. އަދި އެއްބަސްވުން ބާތިލްކުރުމަށްފަހު ސްޓްރާޑާ ކުންފުންޏަށް ރާޅުގަނޑު ސަރަހައްދުން ދީފައިވާ ބިން ހުސްކުރުމަށްފަހު ހަވާލުކުރުމަށް އަންގާފައިވާނޭކަމަށާއި ސްޓްރާޑާއިން އެ ސަރަހައްދުގައި ރެސްޓޯރަންޓް ހިންގަމުންދަނީ ޤަވައިދާ ހިލާފަށްކަމަށް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރއިން ނެރެފައިވާ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ސްޓްރާޑާއަށް ދީފައިވާ ބިން ކަނޑައެޅިފައިވާ މުއްދަތުގައި ހުސްނުކޮށް ޤަވާއިދާ ހިލާފަށް އެބިމުގައި ވިޔަފާރިކުރަމުންދާތީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުންދާކަމަށްވެސް ޕްލޭނިން މިނިސްޓްރީގެ ނޫސްބަޔާނުގައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަކްޗަރ އިން ވިދާޅުވީ، ބުރިޒް ވިއުއިން ޕްލެޓް ފޯމުގައި ތަރައްޤީކޮށްފައިވާ ފުޑް އައުޓްލެޓްތައް ނެގުމަށްފަހު އެ ސަރަހައްދު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އާންމުނަށް ހިތްފަސޭހަކޮށްލުމަށް ވަގުތު ހޭދަކުރެވޭ ފެހި ސަރަހައްދެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނިއުޕޯޓް ހިންގުމުގެ ހުއްދަދިން ސްޓްރާޑާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މިދިޔަ ވެރިކަން ދިފާއުކުރުމަށް ޝޯޝަލް މީޑިއާގައި ގިނަ މަސައްކަތަކެއް ކުރަމުންދިޔަ ޕީޕީއެމްގެ ކައުންސިލް މެމްބެރުކަންވެސް ކުރެއްވި ޒާހިދު ރަމީޒުއެވެ. އެހެންނަމަވެސް މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ލީޑަރޝިޕއާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށްކަށްފަހު އެނާ ވަނީ ޕީޕީއެމުން އިސްތިއުފާދީފައެވެ.