ޚަބަރު

ސިއްޙީ ދުޅަހެޔޮކަން އިތުރުކުރެވޭނީ، ފަރުދީގޮތުން ހޭލުންތެރިވެގެން - ހެލްތް މިނިސްޓަރ


ފުރިހަމަ ސިއްޙީ ޚިދުމަތްތަކެއް ސަރުކާރުން ފޯރުކޮށްދިން ނަމަވެސް، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރެވޭނީ ސިއްޙީ މައްސަލަތަކަށް ޢާއްމުން ހޭލުންތެރިވެގެންކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް، ޕްރައިމަރީ ހެލްތުކެއަރއާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސަސްއިން ކުރިއަށްގެންދިޔަ ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސިއްޙީ މައްސަލަތަކާ ގުޅޭ ޢާއްމުމަޢުލޫމާތު އެނގިފައިހުރުމަކީ ، ބަލިތައް މަދުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ މުހިންމުކަމެއްކަމަށެވެ. އަދި ބަލިތަަކަށް މަގުފަހިވެފައިވާ ސަބަބުތައް ދެނެގަނެ، ބަލިތައް ޖެހެން މެދުވެރިވާ އާދަތަކުން ދުރުވުމަށް މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޢާއްމުން ހޭލުންތެރިކޮށް، ޕްރައިމަރީ ހެލްތް ކެއަރގެ ތެރެއިން ކުރާ މަސައްކަތްތައް އިތުރުކުރުން މުހިންމުކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

"ކޮންމެ ވެރިއެއް އަޔަސް ކިތަންމެ ތަރައްޤީއެއް ނިޒާމަށް ގެނަޔަސް، ސިއްޙީ ދުޅަހެޔޮކަން އިތުރުކުރެވޭނީ އަމިއްލަ މީހާ ބަލިތަކަށް ހޭލުންތެރިވެގެން. މުޅި ސިސްޓަމް އެއްކޮށް މަސައްކަތްކޮށްގެން." މިނިސްޓަރ ވިދާޅުވިއެެވެ.

ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސަސްއިން ބޭއްވި ފޯރަމްގައިވަނީ ޕްރައިމަރީ ހެލްތްކެއަރ ނުވަތަ، އިބްތިދާއީ ފަރުވާގެ މުހިންމުކަމާއި މިދާއިރާއިން މީހުން ބިނާކުރުމަށް ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސަސްއިން ކުރަމުން އަންނަ މަސައްކަތްތަކާއި އަދި އިބްތިދާއީ ސިއްޙީ ފަރުވާ ރާއްޖޭގައި ފެށިގެން އައިގޮތަށް އަލިއަޅުއްވާލައްވާފައެވެ.

މިފޯރަމްގައި ރާއްޖޭގައި ފުރަތަމަ އިބްތިދާއީ ސިއްޙީ ފަރުވާ ދެމުން އައިގޮތްތާއި، ނިޒާމު ބަދަލުވެގެން އައިގޮތްވަނީ، އޭރު މިދާއިރާގައި އުޅުނު ފަރާތްތަކުން ހިއްސާކުރައްވާފައެވެ. ފޯރަމްގައި ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސައްގެ ދަރިވަރުންނާއި، ރާއްޖޭގައި އިބްތިދާއީ ފަރުވާ ދިނުމަށް އޭރު މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކާއި، ސިއްޙީ ދާއިރާގާއި މަސައްކަތްކުރާ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ސިއްޙަތު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އިބްތިދާއީ ސިއްޙީ ފަރުވާގެ ނިޒާމު ފުޅާކުރުމެވެ. ދިވެހިރާއްޖެއަކީ، ކޮންމެ ރަށަކުންވެސް މިހާރު ޕްރައިމަރީ ހެލްތް ކެއަަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތްތައް ލިބޭ ޤައުމެކެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ސިއްޙީ އެހީތެރިން ތަމްރީންކޮށް، ސިއްޙީ އެހީތެރިކަން ދޭން ފަށާފައިވަނީ 1960ވަަނަ އަހަރުއެވެ.