ޚަބަރު

މޯލްޑިވް ގޭހުން ޤައިދީންނަށް 10 ކޮމްޕިއުޓަރ ހަދިޔާކޮށްފި


މޯލްޑިވް ގޭހުގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްއަށް 10 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.

މޯލްޑިވްގެ ގޭހުގެ ފަރާތުން ހަދިޔާކުރެއްވި ކޮމްޕިއުޓަރުތަކާއި ރަމްޒީގޮތެއްގައި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްއެވެ.

މިރަސްމިއްޔާތުގައި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ދަށުން ޤައިދީންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މޯލްޑިވް ގޭސް އާއި ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

މިއެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ޕްރިސްކޯގެ ޗެއާމަން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއެވެ. އަދި މޯލްޑިވް ގޭހުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްއެވެ.

މި އެއްބަސްވުމުގެ ދަށުން 2 އަހަރުދުވަހުގެ މުއްދަތަށް މޯލްޑިވްް ގޭހުގެ ބައެއް ގޭސްފުޅިތަކާއި، ސިލިންޑަރުތައް މަރާމާތުކުރުމުގެ މަސައްކަތް ޤައިދީން ލައްވާ ކުރުވުމަށް ވަނި ހަމަޖެހިފައެވެ. މިފަދަ މަސައްކަތްތަކަކީ، އެމީހުން އަނބުރާ މުޖްތަމަޢަށް ނުކުންނައިރު އެމީހުންނަކީ ވަޒީފާގެ މާޙައުލަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދައި، އެމީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ ތަނަވަސް ކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މަސައްކަތްތަކެއްކަމަށް އެމްސީއެސްއިން ބުނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، މި ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުން ކުރާނީ ޤައިދީންގެ އެކި ބޭނުންތަކަށް ކަމަށެވެ. އަދި ޤައިދީންނަށް އެމީހުންގެ ހުނަރުތައް ތަރައްޤީކޮށް މަސައްކަތުގެ މައިދާނަށް އަހުލުވެރިވުމަށްް މޯލްޑިވްސް ގޭހުން ފޯރުކޮށްދޭ އެހީތެރިކަމަށް މުނާޒް ޝުކުރު އަދާކުރެއްވިއެވެ.