ސިޔާސީ

އެއްވެސް ދާއިރާއެއްގެ ވޯޓް ބާޠިލްކުރެވޭނެ ހުއްޖަތެއް ނުދެއްކޭނެ - އީސީ


ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެއްވެސް ދާއިރާއެއްގެ ވޯޓް ބާޠިލްކުރެވޭނެ ހުއްޖަތެއް ނުދެއްކޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ބ.ތުޅާދޫ ދާއިރާގެ އިންތިޚާބު ބާޠިލްކުރުމަށް ސުޕްރީމްކޯޓަށް ހުށައަޅަން އުޅޭކަމަށް ތުހުތުކޮށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
ބ.ތުޅާދޫ ދާއިރާގެ އިންތިޚާބު ބާޠިލުކުރަން ހުށައަޅަން ތައްޔާރުވަނީ އެދާއިރާއިން ވާދަކުރުމަށް ޕީޕީއެމުން ޓިކެޓް ދިނުމަށްފަހު، ފަހުން ޓިކެޓް އަތުލި މައްސަލާގައި އެދާއިރާއަށް ވާދަކުރި އަޙްމަދު އަޠީފްކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެއީ ޕީޕީއެމުން ޓިކެޓް ދިނުމަށްފަހު އަތުލުމުން އޭނާގެ ހައްޤުތައް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާ މައްސަލައެއްކަމަށްވެސް ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ދައުރުވާ އޮޑިއޯއެއްގައި ވަނީ ބުނެފައެވެ.

އަޠީފަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށްފަހު އަތުލާފައިވަނީ، ޖުމްހޫރީ ޕާޓިން ވާދަކުރާ ދާއިރާތަކަށް ޕީޕީއެމުން ވާދަނުކޮށް ޖޭޕީގެ ކެނޑިޑޭޓުންނަށް ޕީޕީއެމުން ތާޢީދުކުރުމަށް ނިންމުމުންނެވެ.
ތުޅާދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ބޮޑު ތަފާތަކުން އެމްޑީޕީގެ ކެނޑިޑޭޓް ޙިސާން ޙުސައިންނެވެ. ޙިސާނަށް ލިބިވަޑައިގެންފައިވަނީ 1521 ވޯޓެވެ. އަދި އަޠީފަށް ލިބިވަޑައިގެންފައިވަނީ 796 ވޯޓެވެ.

މި މައްސަލާގައި ސޯޝަލް މީޑިއާގައި ދައުރުވާ އޮޑިއޯއާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެއްވެސް ދާއިރާއެއްގެ އިންތިޚާބު ބާޠިލްކުރެވޭނެ އެއްވެސް ހުއްޖަތެއް ނުދެއްކޭނެކަމަށެވެ. ޝަރީފް ވިދާޅުވީ، އެ ކޮމިޝަނުން ދާއިމީ ނަތީޖާ އިޢުލާންކުރީ، އިންތިޚާބާއި ގުޅިގެން އެކޮމިޝަނަށް ހުށައެޅި މައްސަލަތަކަށް ރިޔާޢަތްކޮށް އެއްވެސް ދާއިރާއެއްގެ އިންތިޚާބުގެ ނަތީޖާއަށް ބަދަލު ނާންނާނެކަން ޔަޤީންކުރުމަށްފަހުކަމަށެވެ.

ބ.ތުޅާދޫ ދާއިރާގެ އިންތިޚާބު ބާޠިލްނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، އެ އަތޮޅު ކެންދޫ ދާއިރާގެ އިންތިޚާބު ބާޠިލްކުރުމަށްވެސް އެމްޑީޕީގެ ކެނޑިޑޭޓްގެ ފަރާތުން ހުށައެޅިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޤައުމީ ކޮމްޕްލެއިންސް ބިއުރޯގެ ފަރާތުން އެ ދާއިރާއަށް ބަޔަކު ފޮނުވާފައެވެ. އަދި އަލުން އިންތިޚާބު ބާއްވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްކަމަށްވެސް އީސީން ކުރިން ވިދާޅުވެފައިވެއެވެ.