ވިޔަފާރި

ހުޅުމާލޭ ލޯކަލް މާރުކޭޓުން "ގޮޅި" ދޫކުރަން ފަށައިފި

ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "ރަށު މާރުކޭޓު"ގައި ވިޔަފާރިކުރުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ފަރާތު ސަރަހައްދުގައި 'ރަށު މާރުކޭޓު' ނަމުގައި ތަރައްޤީކޮށްފައިވާ ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހި ކާބޯތަކެއްޗާއި ރޯމަހުގެ ބާވަތްތައް ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި، ޤާއިމްކުރި މާރުކޭޓެއްކަމަށެވެ.

މާރުކޭޓު ފަރުމާކޮށްފައިވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޙާއްސަ ގޮޅިތަކެއް ހިމެނޭގޮތަށެވެ.

މި ގޮޅިތަކުގައި ވިޔަފާރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް ޚާއްސަ 37 ގޮޅިއަކާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅިއެކެވެ. އަދި މި ގޮޅިތަކުގައި ބޮޑުމިނުގައި 80 އަކަ ފޫޓު ހުރެއެވެ.

އެޗްޑީސީން މަޢުލޫމާތުދޭ ގޮތުގައި ގޮޅި ބޭނުންވާ ފަރާތްތަކުން އަމިއްލަ ނަމުގައި ނުވަތަ ވިޔަފާރިއެއްގެ ނަމުގައިވެސް ފޯމް ހުށަހެޅޭނެއެވެ. އަދި ފޯމް ބަލައިގަތުން ކުރިއަށްދާނީ 25 އޭޕްރީލް ވަނަ ދުވަހުގެ ނުވަޔަކުން ހަވީރު ތިނަކަށްކަމަށް އެޗްޑީސީން ބުނެއެވެ.