ޚަބަރު

ބަހުގެ ބައިތަކުގެ ތެރެއިން ނަމުގެ އައު ޤަވާއިދު ފޮތެއް ނެރެފި


ދިވެހި ބަހުގެ ޤަވާއިދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ނަމުގެ ގަވާޢިދު މުރާޖާކުރުމަށްފަހު އައު ޤަވާއިދު ފޮތެއް ނެރެފިއެވެ.

ދިވެހި ބަހުގެ ދުވަހާގުޅިގެން ދިވެހި ބަހުގެ އެކަޑަމީން ބޭއްވި ޚާއްސަ ބައްދަލުވުމުގައި މިޤަވާއިދު ފޮތް ނެރެދެއްވީ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ.

ދިވެހި ބަހުން 1977ވަނަ އަހަރު ނެރުނު "ދިވެހި ބަހުގެ ޤަވާއިދު އެއްވަނަ ބައި" އަދި އޭގެ ފަހުން ޤަވާއިދުގެ ބައިތައް އެކުލެވޭ ގޮތަށް ލިޔެފައިވާ ޤަވާއިދު 1 2 3 4 މިފޮތްތައް ބަލައި ދިރާސާކުރުމަށްފަހު ހުރިހާ ޤަވާއިދެއް އެއްތާކުން ފެންނާނެހެން ގަވާއިދު މުރާޖާކޮށް ފޮތެއް އެކުލަވާލުމުގެ މަސައްކަތް އެކަޑަމީން ފެށީ 2014 ވަނަ އަހަރުއެވެ.

ޤަވާއިދު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޓީމަކުން ކުރި ދިރާސާތަކަކަށްފަހު ނަމުގެ ބައިތަކަށް ޚާއްސަ ޤަވާޢިދު ފޮތެއް ނެރެފައިވާއިރު އެކަޑަމީން ވަނީ ދިވެހި ބަހުގެ ދެންހުރި ބައިތަކަށްވެސް ޚާއްސަ ދިރާސާތަކެއްކުރުމަށް ނިންމަވާފައެވެ.

ދިވެހިބަހުގެ ދުވަހާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވިދާޅުވީ ދިވެހި ބަސް ހީނަރުވާން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިވެހިބަހުން ވާހަކަދެއްކެން އޮންނަ ޙާލަތުގައިވެސް ދިވެހި ބަހުން ވާހަކަ ނުދައްކައި ބޭރުގެ ބަސްބަހުން ވާހަކަދައްކައި ހެދުންކަމަށެވެ.

ބަހުގެ އެކަޑަމީން ބޭއްވި ބައްދަލުވުމުގައި ވަނީ ލަފްޒު އެކުލަވާލާގޮތުގެ މައުލޫމާތުވެސް ދެއްވާފައެވެ. އެގޮތުން އައު ލަފްޒު އެކުލަވާލުމުގައި 20 އުސޫލަކަށް ބަލާކަމަށާއި މީގެ ތެރެއިން ބައެއް އުސޫލުތަކަކީ އެހެނިހެން ބަސްބަހުގައިވެސް އައު ލަފްޒު އެކުލަވާއިރު ބަލާ އުސޫލުތަކާއި މިންގަނޑުތައްކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.

ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޭޕްރީލްމަހުގެ 14ވަނަ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. މިއަހަރުގެ މި ދުވަހަށް ކަނޑައާޅާފައި ވާ ޝިޢާރަކީ "ބުނާނީ، ލިޔާނީ ސާފު ދިވެހި ބަހުން" މިޝިޢާރެވެ. ދިވެހި ބަހުގެ ހަމަތަކާއި އެއްގޮތަށް ބަސް ބޭނުންކުރާ ޖީލެއް އުފެއްދުމަށް ބަހުގެ އެކަޑަމީން އަންނަނީ ކަމާގުޅުންހުރި ދާއިރާތައް ގުޅިގެން މަސައްކަތްކުރަމުންނެވެ.