ވިޔަފާރި

މެޝިނަށް މައްސަލަ ދިމާވެ ތާޒާ ފެން ކޮންޓްރޯލްކޮށްފި


މިދުވަސްވަރު ތާޒާ ފެން ލިބުމުގައި ދަތިކަމެއް އުޅެނީ، މެޝިނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ބޭނުންވާ މިންވަރަށް ފެން ނުއުފެއްދޭތީ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ތާޒާ ފެން އުފައްދާ އައިލެންޑު ބެވަރެޖަރސް މޯލްޑިވްސްގެ ބަލަދުވެރި ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، ތާޒާ ފެން އުފެއްދުމުގައި ބޭނުންކުރާ މެޝިނަކަށް މައްސަލައެއް ދިމާވެ، ފެން ބަންދުކުރުމުގެ މަސައްކަތައް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް މިވަގުތު އައިސްފައިވާކަމަށެވެ. މެޝިނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން މިވަގުތު ތާޒާ ފެން ވިއްކަމުންދަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކޮށްގެން ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

ތާޒާ ފެނަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލް ފެނެކެވެ. މިދުވަސްވަރަކީ، ހޫނު ގަދަ ދުވަސްވަރަކަށް ވުމާއި އެކު ފުޅީގައި ބަންދުކުރި ފެނަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުކަމަށް ފެން ވިއްކާ ވިޔަފާރިތަކުން ބުނެއެވެ.

މައުލޫމަތު ލިބޭގޮތުން ތާޒާ ފެނުގެ ކޮންޓްރޯލްކޮށްގެން ވިއްކަމުންދަނީ 5 ލިޓަރު ފެންފުޅިއެވެ. މިއީ އާއްމުކޮށް ގޭގެއަށްވެސް ގަންނަ ސައިޒުގެ ފެނެވެ. އެމްޑަބްލިއުއެސްސީއިން ކޮންޓްރޯލްކޮށްގެން ތާޒާ ފެން ވިއްކަމުން ދިޔުމާއި ގުޅިގެން މިހާރު މާލޭ ފިހާރަތަކުންވެސް ފެން ވިއްކަމުންދަނީ ކޮންޓްރޯލްކޮށްގެންނެވެ.

ފުޅީގައި ބަންދުކުރި ފެނަށް އޮންނަ ޑިމާންޑް ހޫނު މޫސުމުގައި އިތުރުވާއިރު، ފެންގަތުމަށްވެސް ބޮޑު ޙަރަދެއް ކުރަންޖެހެއެވެ. ބޯފެނަށް ކުރަންޖެހޭ ޚަރަދާއި އުފުލަންޖެހޭ ތަކުލީފްތައް ކުޑަކޮށް، ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީން ދޫކުރާ ސަޕްލައި ފެން ބުއިމަށް ބޭނުންކުރުމަށް ސަރުކާރުން ބާރުއަޅައެވެ. އެގޮގޮތުން މާލޭގައި އެމްޑަބްލިއުއެސްސީން ދޫކުރާ ސަޕްލައި ފެނަކީ ބުއިމަށް ރައްކާތެރި، ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފެތޭ ފެނެއް ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.