ޚަބަރު

ޤައުމާއި ދީނުގެ ހިމާޔަތުގައި ކުރަންޖެހޭ ހަމައެކަނިކަމަކީ ހަނގުރާމަކުރުމެއްނޫން - ހޯމް މިނިސްޓަރ


ޤައުމާއި ދީނުގެ ހިމާޔަތުގައި ކުރަންޖެހޭ ހަމައެކަނި ކަމަކީ ހަނގުރާމަކުރުން ނޫންކަމަށާއި، ޤައުމީ ބަޠަލުންގެ ކިބައިން ހިތްވަރު ލިބިގަނެ، ޢިލްމީގޮތުންނާއި އިޤްތިޞާދީގޮތުންވެސް ބާރުގަދަ ބަޔަކަށްވުމަށް މަސައްކަތްކުރަންޖެހޭކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ދުނިޔެ ކުރިއަރާދާ މިންވަރަކުން ޤައުމުތައް އެއްބަޔަކު އަނެއްބަޔަކަށް ވާދަކޮށް އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާއިރު، މިންކުރެވޭ ހަމައެކަނި ގޮތަކީ އަސްކަރީބާރުތައް އެކަނި ނޫންކަމަށެވެ. އަދި ތަފާތު އިޤްތިޞާދީ ބާރުތަކާއި އެހެނިހެން ވަޞީލަތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ވާދަކުރަމުންދާއިރު އަޅުގަނޑުމެން އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރުމާމެދު ވިސްނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ އިޤްޠިޞާދީ ބާރުތަކާއި އެހެނިހެން ބާރުތަކުން ދުނިޔޭގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރަމުންދާއިރު، ހަމައެކަނި ގަދަވާންޖެހެނީ އަސްކަރީބާރުންކަމަށް ދެކި ޤައުމާއި ދީނުގެ ހިމާޔަތުގައި ކުރަންޖެހޭކަމަކީ ހަމައެކަނި ހަނގުރާމަކުރުންކަމުގައި ދެކުމަކީ އެންމެ ރަނގަޅު ވިސްނުން ނޫންކަމަށެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ޝަހީދުންގެ ދުވަސްފަދަ ދުވަހެއް ފާހަގަކުރާއިރު، ވިސްނަންޖެހޭ އަދި ހަނދާން އާކުރަންޖެހޭ ވަރަށްގިނަ ކަންކަން އެބަހުރިކަމަށެވެ. އަދި ޤައުމަށްޓަކައި ތެދުވަންޖެހޭ ކިތަންމެ މައިދާންތަކެއް އެބަހުރިކަމަށާއި، އަލިރަސްގެފާނުފަދަ ބޭފުޅުންގެ ވަރުގަދަ ހިތްވަރުން، ހިތްވަރު ލިބިގަންނަންޖެހޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެބޭފުޅުންފަދަ ވަރުގަދަ އަޒުމަކާއި، ޢިލްމީ ޤާބިލުކަމާއި ކެރުންތެރިކަން ހުރިބަޔަކަށް ދިވެހިން ވާންޖެހޭކަމަށެވެ. އަދި އެބޭފުޅުންގެ މަތިވެރި އަހްލާޤީ ސިފަތަކުން ސިފަ ލިބިގަންނަންޖެހޭކަމަށާއި، ޤައުމަށާއި ދީނަށް ޚިދުމަތްކުރެވޭނީ އެބައެއްގެ ކިބައިގައި ހުންނަ ރިވެތި ސިފަތަކުގެ ނަތީޖާއެއްގެ ގޮތުންކަން މިނިސްޓަރ ޢިމްރާން ވަނީ ފާހަގަކުރައްވާފައެވެ.