ބަހުގެ ދުވަސް ފާހަގަކުރަމުންދާއިރު އެކި ޙަރަކާތްތައް ބޭއްވުމުން ބަސް ދިރުވާ އާލާ ކުރެވޭތޯ ނުވަތަ މިކަމުގައި އޮތީ ހަމައެކަނި ފަރުދީ ޒިންމާތޯ ނުވަތަ ހަގީގީ މައްސަލަ ދެނެގަންނަން މަސައްކަތްކުރުންތޯ މިއީ މިއަދު އުފައްދަން ޖެހޭ ސުވާލުތަކެވެ. މިއަދަކީ އަޅުގަނޑުމެންގެ ރީތި ދިވެހި ބަހުގެ ދުވަހެވެ.
2015 ވަނަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަސް ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކަނޑައަޅައި އެދުވަސް ފާހަގަކުރަމުންނެވެ. ވަކި ދުވަހެއް ކަނޑައަޅާ އެދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ނެތިދިޔަނުދީ ދިވެހި ބަސް އާލާކުރުމެވެ. އެހެން ނަމަވެސް ދިވެހިންނަށް ދިވެހި ބަސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާންޖެހޭ ސަބަބުތަކެއް ހުންނާނެއެވެ. ދިވެހި ބަސް ކުރިއަރުވާ އާލާކުރުމަށް ވަކި ޚާއްސަ މަރުކަޒެއް އުފައްދާ އެކި ދުވަސްވަރު އެކި ގޮތަށްވަނީ މަސައްކަތްކޮށްފައެވެ. އަދި މިހާރުވެސް މިމަސައްކަތްދަނީ ކުރަމުންނެވެ. މިއީ ހަމައެކަނި ދިވެހިންނަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. ބަހާއި ޘަޤާފަތް ދެމެހެއްޓުމުގެ މަސައްކަތްކުރާ އދ.ގެ އިދާރާ ޔުނެސްކޯއިން ހާމަކުރާ ގޮތުގައި މިއަދު ދުނިޔޭގައި ނެތިދާނެކަމުގެ ބިރު ހީވެފައިވާ 2800 އަށް ވުރެ ގިނަ ބަސް އެބައޮތެވެ.
ދިވެހި ބަސް ނެތިދަނީތަ؟
ބަހުގެ ވަރަށް ގިނަ މާހިރުން ވިދާޅުވާގޮތުގައި ބަހަކީވެސް ދިރުން ލިބިގެންވާ އެއްޗެކެވެ. އެހެންކަމަށްވާނަމަ އެކަށީގެންވާ އަޅާލުމެއް ނުލިބޭނަމަ އެދިރުން ނެތި ދިޔުމަކީ ބުއްދި ޤަބޫލުކުރާ ދުނިޔަވީ އުސޫލެވެ. އެހެން ކަމުން ދިވެހި ބަސް ނެތިދިޔުމުގެ ބިރު ހީވެފައި އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަން އެބަޖެހެއެވެ. ސްކޫލް ކުދިންގެ ހިތްތަކުގައި ބަހާއި ގުޅުންހުރި މުބާރާތްތަކަކީ ހަމައެކަނި ސްކޫލް މާޙައުލުގައި އޮންނަ ވާދަވެރި މުބާރާތްތަކުގެ އިތުރަށް އޭގެއިން އެއްވެސް ނަތީޖާއެއް ނުނިކުންނަ ސަބަބު ބަލަން އެބަޖެހެއެވެ. މައިންބަފައިން ތުއްތު ކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭ ބަހަކަށް ދިވެހި ބަސް ހެދުމަށް ފަސް ޖެހޭ ސަބަބުވެސް ދެނެގަންނަން އެބަޖެހެއެވެ. ބަސް ރައްކާތެރިކުރުމަށް އެންމެން ފޫގަޅައިގެން ކުރާ މަސައްކަތްތަކުން ނަތީޖާ ނުނިކުންނަ ސަބަބުވެސް ދެނެގަންނަން އެބަޖެހެއެވެ. މިހުރިހާ ސުވާލުތަކެއްގެ ޖަވާބު އައިސް ދިވެހިން ދިވެހިބަސްދެކެ ފޫހިވަނީކަމަށް ނިންމުމަކީ ޙައްލެއްނޫނެވެ. އަސްލު މައްސަލައަށް ވާސިލުވެވެން އެބަޖެހެއެވެ. އެހެން ނަމަވެސް މިހުރިހާ ފަރާތްތަކުގެ މިންނެތް މަސައްކަތާއެކުވެސް މިހާތަނަށް ދިވެހި ބަސް ނެތިދާ ސަބަބު ދެނެގަންނަން އެއްވެސް މަސައްކަތެއް ކުރެވިފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ.
ދިވެހި ބަސް ދަސްކުރި ކިހިނެތް؟
ދިވެހި ބަސް އެންމެ ކުޑައިރު ދަސްކޮށްދޭ ދުވަސްވަރަށް ބަލާލަމާތޯއެވެ. ހ އިން ހޯނު ށ އިން ށަވިޔަނި ނ އިން ނާށި މިއީ މިއަދުވެސް އެފޮތްތަކެއް ފެނުމުން އަޅުގަނޑުމެންގެ ހަނދާނާއި ސިކުނޑިއަށް އުފާވެރި ހަނދާންތަކެއް ގެނެސްދޭ މާޒީއެވެ. އޭގެފަހުން ގުރޭޑު އެކެއްގައި ޖުމްލަ ހަދަން އަންނަ ހިސާބުގައިވެސް އަޅުގަނޑުމެންގެ ޢާއިލާއާއި ޤައުމާއި ބެހޭގޮތުން އަޅުގަނޑުމެން ފޯރީގައި ލިޔުނު ހެއްވާ ވާހަކަތަކަކީ ދިވެހިބަހަށް އަޅުގަނޑުމެން އަހުލުވެރިވާން ފެށި ދުވަސް ތަކުގެ ހަނދާންތަކެވެ. އެހެން ނަމަވެސް ގުރޭޑު 8 އަދި 9 އަކަށް ދާއިރު ދިވެހި ބަހާއި މެދު ކުދިން ދެކޭ ގޮތް އޮންނަނީ އެއްކޮށް ބަދަލުވެފައެވެ. އެންމެ ފޫހިވާ މާއްދާއޭ ބުނަން ބައެއް ކުދިން ޖެހިލުންވި ނަމަވެސް މިއީ އެޢުމުރުގެ ބައެއް ކުދިންގެ ޙާލަތެވެ. މިހިސާބަށް މިކަން ދާ ސަބަބު އަޅުގަނޑުމެން ދެނެގަންނަން އެބަޖަހެއެވެ. ދިވެހި ބަހާމެދު ދިވެހިން ދެކޭގޮތާމެދު އެންމެ އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނެތްއިރު ދިވެހި ބަސް އެންމެ ފުރިހަމަގޮތުގައި ދިވެހިންގެ ތެރޭގައި ބޭނުން ނުކުރެވޭ ސަބަބާއި އެވިސްނުން އަންނަ ސަބަބު އެނގިގެން ނޫނީ މިމައްސަލަ ޙައްލެއްނުކުރެވޭނެއެވެ.
ބަހަށް ހަދަންވީ ކިހިނެތް؟
ސަރުކާރުން ގުރޭޑު 1 2 3 ގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ހަމައެކަނި ދިވެހި ބަސް ބޭނުންކުރަން ބައެއް ފަރާތްތަކުން ދާދި ފަހުންވަނީ ލަފާދީފައެވެ. އެހެން ނަމަވެސް އުފައްދަން ޖެހޭ ސުވާލަކީ ދިވެހި ބަހުން އެޢުމުރުގައި ހުރިހާ މާއްދާއެއް ކިޔަވައިދިންނަމަވެސް ގުރޭޑު 12 ނިންމާ ދަރިވަރަށް އޭގެއިން އަސަރެއް ނުވަތަ މަންފާއެއް ކުރާނެތޯއެވެ.
މީގެ ބަދަލުގައި މިމައްސަލަ ޙައްލުކުރެވެން އޮތީ ކުދިންގެ ހިތްތަކުގައި ބަހަށް ޝައުގު އުފެއްދޭނެ ފަދަ ގޮތްތަކެއް ހޯދަން އެބަޖެހެއެވެ. ބަސް ކުރިއެރުވުމާއި ގުޅޭގޮތުން ޒުވާނުންނާއި ގުޅޭ ފަދަ ޒަމާނީ ގޮތަކަށް މިވާހަކަ ދެކެވެން އެބަޖެހެއެވެ. ދިވެހި ބަހަކީ ޓެކްނޮލޮޖީއާ ރައްޓެހި ބަހަކަށް ހަދަން އެބަޖެހެއެވެ.
ބަސް ކިޔަވައިދޭ މުދައްރިސަކީ ދަރިވަރުން ޝަޢުގުވެރިވާ ފަދަ ގޮތަކަށް ކިޔަވައިދިނުމުގެ ޤާބިލުބަޔަކަށްވެސް ހަދަން އެބަޖެހެއެވެ. ފަރުދީ ޒިންމާ އަދާ ކުރާ ހިސާބަށް ދަރިވަރުން ފޯރަންވާއިރަށް ބަހަށް އެކުދިންގެ ހިތްތަކުގައި ޖާގަ ހަދަން އެބަޖެހެއެވެ. އެހާހިސާބުން ބަސް ދިރުވާ އާލާކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކޭނެ ބަޔަކު ތިބޭނެކަން ކަށަވަރެވެ. ދިވެހި ބަސް ކުރިއެރުވުމަށް ހިތްވަރާއެކު މަސައްކަތްކުރާނެ ޖީލެއް ބިނާކުރުމަށް ދިވެހިން މިއަދު ކުރަން ޖެހޭ އެންމެ މުހިއްމުކަމަކީ ބަހަށް ދިމާވެގެން އުޅޭ ހަޤީޤީ މައްސަލަ ދެނެގަތުމެވެ.