ވިޔަފާރި

އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްޤީކުރަމުންދާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް ހުޅުވަނީ


އިންޑަސްޓްރިއަލް ވިލެޖްގައި ތަރައްޤީކުރަމުންދާ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްގެ ޚިދުމަތް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެފްއެސްއެމްއިން ބުނެފިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގައްސާމް ވިދާޅުވީ ޕެޓްރޯލް ޝެޑް ހުޅުވުމަށްޓަކައިވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާ ކަމަށެވެ. މިހާރު އިންޑަސްޓްރިއަލް ވިލެޖުގައި ފެޓްރޯލް ފޯރުކޮށްދެމުންދަނީ ވަގުތީ ޝެޑެއްގައެވެ. ވަގުތީ ޝެޑުގައި 3 ޕަމްޕު ހުންނައިރު، މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ޕެޓްރޯލް ޝެޑުގައި 8 ޕަމްޕު ހުންނާނެއެވެ. ގައްސާމު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި ހުޅުވުމަށް ތައްޔާރުވަމުންދާ ޕެޓްރޯލް ޝެޑާއި އެކު އާއްމުނަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ.

އެފްއެސްއެމްއިން ދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޙިދުމަތްދޭ ގަޑިތައް އިތުރުކޮށް، ސްޓެލްކޯ ކައިރީގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުން ދަނީ 24 ގަޑިއިރު ޙިދުމަތްދެމުންނެވެ.

ކުރިއަށް އޮތް ރޯދަމަހު އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ރޯދަމަހު ރޭގަނޑު އެކެއް ޖަހަންދެން ޕެޓްރޯލް ޝެޑުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެފްއެސްއެމުން މައުލޫމާތުދެއެވެ.