ވިޔަފާރި

ސައުތު އެފްރިކާއާއި ތުރުކީގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރަނީ


ސައުތު އެފްރިކާއާއި ތުރުކީގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމަށްޓަކައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް އެމްއެމްޕީއާރުސީން ނިންމައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީން ދަނީ ސައުތު އެފްރިކާ އަދި ތުރުކީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުދިނުމަށްޓަކައި، އެކަމާއިގުޅޭ މަސައްކަތް ފަށާފައެވެ.

ސައުތު އެފްރިކާ އަދި ތުރުކީގެ އިތުރުން، ސްޕެއިންގެ ނޫސްވެރިންގެ ޓީމެއްވެސް ރާއްޖެ ގެނައުމަށް އެމްއެމްޕީއާރުސީން ދަނީ މަސައްކަތްކުރަމުންނެވެ.

މިމަސައްކަތުގައި އެމްއެމްޕީއާރުސީއަށް އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާއިރު، މި ޤައުމުތަކުން ރާއްޖެއަށް ގެންނަ މީޑިއާ ޓީމުގައި ހައެއްކަ ނޫސްވެރިން ހިމެނޭނެއެވެ. އަދި މީޑިއާ ޓީމުން ރާއްޖޭގައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ތަފާތު އާރޓިކަލްތައް މި ނޫސްވެރިން ގެނެސްދޭން ޖެހެއެވެ.

މިއަހަރުތެރޭ ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ތިން ގުނަ އިތުރުކުރަން ސަރުކާރުން ނިންމަވާފައިވާ އިރު، އެމްއެމްޕީއާރުސީން ގެންދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށްވެސް އެ ކޯރޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެއެވެ.