ވިޔަފާރި

ދަނޑުތަކަށް ފެން ދިނުމަށް ތިމާވެއްޓާއި ރައްޓެހި ވަޞީލަތްތައް ޤާއިމްކުރަނީ


ދަނޑުތަކަށް ފެންދިނުމަށް ބޭނުންވާ ތިމާވެއްޓާއި ރައްޓެހި ޒަމާނީ ވަޞީލަތްތައް ދަނޑުތަކުގައި ޤާއިމްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް އެގްރިކަލްޗަރ މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިހާރު ވަނީ މި ޕްރޮގްރާމް ހިންގާނެ ރަށެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މި ޕްރޮގްރާމަކީ ދަނޑުވެރިކަމަށް ފެން ބޭނުންކުރާ ގޮތްތަކުގެ ސަބަބުން ބިމުގެ ފެން ފަށަލައަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށާއި އެކަށީގެންވާ ހަރުދަނާ އުސޫލެއްގެ ދަށުން ފެންދިނުމުގެ ވަޞީލަތްތައް ޤާއިމްވެފައިވާ ނަމޫނާ ދަނޑުވެރިކަމެއް ކުރާ ސަރަޙައްދެއް ދަނޑުވެރި ރަށްރަށުގައި ޤާއިމް ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަރައްޤީކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި، ފެން އިސްރާފުވުން ކުޑަ އަދި ބޭނުންކުރަން ފަސޭހަ ފެންދޭ ނިޒާމް މިކަމަށް ޝައުޤުވެރިވާ ރަށެއްގައި ގާއިމްކޮށްދިނުމާއި، އެރަށެއްގެ ދަނޑުވެރިންނަށް ކަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތެރެއިން އެރަށެއްގެ ދަނޑުވެރިންނަށް ނަމޫނާ ދައްކައިދީ މިފަދަ ނިޒާމުތަކަށް ދަނޑުވެރިން އަހުލުވެރިކޮށް ޝައުގުވެރި ކުރުވުމެވެ. މީގެ ސަބަބުން ދަނޑުވެރި މަސައްކަތްތަކުގެ ތެރޭގައި އިސްރާފު ވެގެންދާ ފެނާއި ކާނާގެ މިންވަރު ކުޑަ ކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ދެކެއެވެ.

މިއަހަރު މިޕްރޮގްރާމުގެ ދަށުން ފެންދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް ޝައުޤުވެރިކަން ފާޅުކުރާ ރަށްރަށުގެ ތެރެއިން ހޮވާލެވޭ ރަށެއްގައެވެ.

މި ޕްރޮގްރާމް އެރަށެއްގައި ހިންގުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ރަށްރަށުން އެކަމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށެއް ކަނޑައެޅުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، ދަނޑުވެރިކަން ފުޅާ ކުރުމަށް ބިން ލިބެން ހުރި މިންވަރު، ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމް ގާއިމްވެފައި ހުރި މިންވަރު ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް، ހަވާލުކުރެވޭ ސިސްޓަމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ގާބިލްކަން ދައްކައިދީފައިވާ މިންވަރު ފަދަ ކަންތައްތައް ހިމެނެއެވެ.

ޕްރޮގްރާމް ރޭވިފައިވަނީ އިއުލާން ކުރެވިގެން ހޮވޭ ރަށެއްގައި މަދުވެގެން ދިހަ ދަނޑުވެރިންނަށް ބޭނުންކުރެވޭ ގޮތަށް އެރަށެއްގެ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ދަނޑުތަކުގެ އިންތައް ވަކިކޮށް އެދަނޑުތަކުގައި ފެންދޭ ނިޒާމް ގާއިމު ކުރާގޮތަށެވެ.

މި ޕްރޮގްރާމްގައި ކަނޑައެޅޭ ސަރަހައްދުން ބައިބައި ކުރެވިފައިވާ ކޮންމެ ދަނޑެއްގައި ސޯލާ ޕަންޕް، އޮވަރހެޑް ޓޭންކް، އޮޓޯ ސްވިޗް، ޕަންޕް ސްޓޭޝަން ބަހައްޓާ ފެން ވައިރު ކުރާގޮތަށް ވަނީ ރޭވިފައެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ޕްރޮގްރާމް ހިންގުމަށް ހޮވޭ ރަށަކާއި މިނިސްޓްރީއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕްެރޮގްރާމް ހިންގުމަށް ރަށެއް ކަނޑައެޅުމުގައި ބެލޭނެ ކަންތައްތަކުގެ ތެރޭގައި އެ ރަށެއްގައި ދަނޑުވެރިކަން ކުރާމިންވަރު އަދި ބިމުގެ ބޮޑުމިން، ޕްރޮގްރާމްގެ ލޭއައުޓާއި އެއްގޮތަކަށް އެއް ސަރަޙައްދަކުން ދަނޑުތައް ނެގޭވަރަށް ބިން ލިބޭ އަދި ޖުމްލަ ބިމުގެ ބޮޑުމިން ހަމަވާ ރަށަކަށްވުން އަދި ޕްރޮގްރާމްގެ ދަށުން ޤާއިމްކުރާ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވިސްނާފައިވާ ގޮތްފަދަ ކަންތައްތައް ހިމެނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ކޮށްދޭ ކަންތައްތަކަކީ، ޕްރޮގްރާމް ހިންގުމަށް ހޮވޭ ރަށުގައި ދަނޑުތައް ޑިޒައިންކޮށްދީ އެދަނޑުތަކަށް ފެންދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދިނުމެވެ. އަދި ޤާއިމްކުރާ ވަޞީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަންކުރާނެ ގޮތުގެ ފަންނީ މައުލޫމާތުވެސް މިނިސްޓްރީން ފޯރުކޮށްދޭނެއެވެ.

މި ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.