ޚަބަރު

"ދަރުމަވަންތަ" ހުޅުވަން ބުނި ތާރީޚް އަނެއްކާވެސް ފަހަނައަޅައި ދަނީ


ސަރުކާރުން އެންމެ ފަހުން ހާމަކުރައްވާފައިވާގޮތުގައި މި ހިނގާ އޭޕްރިލް މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެއެވެ. އެހެން ނަަމަވެސް ކުރައްވަންޖެހޭ ބައެއްކަންކަން މުޅިން ނުނިމޭތީ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވޭނެ ވަކިތާރީޚެއް މިހާރު އަދި ވިދާޅުވާާން އެނގިވަޑައިނުގަންނަވާކަމަށް އައިޖީއެމްއެޗްއިންވަނީ ފަހުން ވިދާޅުވެފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ހޮސްޕިޓަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރަމުން އައި ހޮސްޕިޓަލެކެވެ. ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްދާ ދިއުމާއި، ކުރާ ބޮޑެތި ޚަރަދުތައް ހުއްޓުވުމަށް ފެށި ބިޔަ މަޝްރޫޢުއެކެވެ. ކުރީގެ ސަރުކާރުން ފެށި މިމަޝްރޫޢުއަކީ 2.2 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫޢުއެކެވެ.

މަޝްރުޢޫގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުމަށް ކުރިން ސަރުކާރުން ގަސްތުކުރައްވާފައި އޮތީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް މަސައްކަތްތައް ނުނިމި، އިތުރު އަހަރެއް ފާއިތުވުމާއި ގާތްވެފައިވާއިރު، އަދިވެސް ހޮސްޕިޓަލް ރަސްމީކޮށް ހުޅުވި ޚިދުމަތް ފަށާނެ ވަކިތާރީޚެއް ނޭނގެއެވެ.

މި ހިނގާ އޭޕްރިލް މަހަކީ ހޮސްޕިޓަލްގެ މަަސައްކަތްތައް ފެށުމަށް އައު ސަރުކާރުން ނިންމާފައިވާ މަހެވެ. ނަމަވެސް މަހުގެ މެދާާއި ހަމައަށް އައިސްފައިވީ ނަމަވެސް ހޮސްޕިޓަލް ހުޅުވާނެ ވަކި ތާރީޚް އަދި ހާމަކުރައްވާފައެއްނުވެއެވެ. ދަރުމަަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމާގުޅޭގޮތުން އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލް ހުޅުވާނެ ތާރީޚް އަދި ކަނޑަނާޅާކަމަށެވެ. މިކަން ލަސްވަނީ ހޮސްޕިޓަލްގެ މަސައްކަތްކުރި ކޮންޓްރެކްޓަރުގެ އެތަނުގެ މަސައްކަތްތައް މުޅިންނިންމައި ހޮސްޕިޓަލް ސަރުކާރާ މުޅިން ހަވާލުކޮށްފައި ނުވާތީކަމަށެވެ.

ޞިއްޙީ ދާއިރާއިން އިޤިލާބީ ބަދަލުތަކެއް އަންނާނެކަމުގެ ފޮނި ހުވަފެންތަކާއެކު ކުރީގެ ސަރުކާން ދަރުމަވަންތަ ހޮސްޕިޓަލުގެ އުސް ޢިމާރާތުގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ނަމަވެސް އެތަނާ ގުޅިފައިވާ ބޮޑު ކޮރަޕްޝަންގެ މައްސަލަތަކާއި، ތަން ފަރުމާކޮށް ހަދާފައިވާ ގޮތުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއެކު، ޢާއްމުންގެ ކަންބޮޑުވުންތައް ވަރަށްބޮޑެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދާދިފަހުން ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫޢުއަކީ ކޮރަޕްޝަނާއި އިސްރާފު ވަރަށްބޮޑު މަޝްރޫޢެއްކަމަށާ، އެތަނުން ޢާއްމު ރައްޔިތުންނަށް ޚިދުމަތްދެވޭ ހިސާބަށް ތަން ގެންދިއުމުގައިވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައި ވާކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޢިމާރާތަކީ "ކޮރަޕްޝަން" ދާއިމަށް ފެންނާނެ ތަނެއްގެ ގޮތުގައި ރައީސް ޞާލިޙް ސިފަކުރައްވާފައިވެއެވެ. އެމަނިކުފާނު ވިދާޅުވީ އެތަނަށް ހޭދަކޮށްފައިވާ ފައިސާއާ އަޅާބަލާއިރު މަދުޢަދަދެއްގެ ފައިސާއިން ރަނގަޅުފެންވަރަކަށް ހެދެން އޮތް އެހޮސްޕިޓަލް ހެދުމަށްކަަށްބުނެ، ދައުލަތުން ބޮޑެތި ޢަދަދުތަކުން ފައިސާ އިސްރާފުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެމަޝްރުޢޫއަށް ޚަރަދު ކުރާނެކަމަށްބުނި 220މިލިއަން ރުފިޔާއާ އެއްވަރުގެ ފެންވަރު އެހޮސްޕިޓަލްގައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު މެޝިންތައް ބެހެއްޓުމަށް ބަޖެޓްކުރިނަމަވެސް، އެތަނަށް ގެނެސްފައިހުރީ އިހުޒަމާނުގެ މެޝިންތަކެއްކަމަށް ރައިސްވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ބޭނުންވާ ވަރަށް ޖާގަ ނުލިބި، ޢިމާރާތުގެ ދޮރުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހި، އިތުރު ޚަރަދުތައް ހިނާގަފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ މަސައްކަތް 54މިލިއަން ޑޮލަރުން ކުރެވޭނެކަމަށް ކޮންޓްރެކްޓަރު ވިދާޅުވިކަމަށާއި، އިތުރަށް ބޮޑެތި ޢަދަދުތަކުން ދަޢުލަތުން ނެގި ފައިސާއަކީ ކޮރަޕްޝަންގެ ބޮޑު ޢަމަލެއްކަމަށް ރައީސް ސިފަކުރެއްވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، މިހާތަނަށް ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ހަމައެކަނި ޚިދުމަތަކީ ޕިޒިއޮތެރަޕީގެ ޚިދުމަތެވެ. އައިޖީއެމްއެޗްގައި ހިންގަމުން އައި ޕިޒިއޮތެރަޕީ ޑިޕަރޓްމަންޓް، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް، މިހާރު ޕިޒިއޮތެރަޕީގެ ބައެއް ޚިދުމަތްތައް ހޮސްޕިޓަލްގެ 4ވަނަ ފަންގިފިލާގައި ދެމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

ނަމަވެސް މިމަހު ޚިދުމަތް ފަށާނެކަމަށް ބުނެފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ އަނެއް 3 ފަންގިފިލާގެ މަސައްކަތްތައް އަދިވެސް ފަށާފައެއް ނުވެއެވެ. މި ފަންގިފިލާތަކުގައި ހިމެނެނީ، ޢާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، ފަރުވާކުރުމާއި، ޓެސްޓް ހެދުމުގެ ޚިދުމަތެވެ. އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެފައިވަނީ މިފަންގިފިލާތަކުން ޚިދުމަށް ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

ސިންގަޕޫރްގެ ކުންފުންޏަކާ ޙަވާލުކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ފަށާފައިވަނީ 2016ވަަނަ އަހަރު ޖޫންމަހުއެވެ.