އިންތިޚާބުތަކުގައި ބަލިވާ ކެނޑިޑޭޓުން ފަހަތަށް ޖެހި، އައު ބޭފުޅުންނަށް ފުރުޞަތު ދިނުމަކީ ކުރިއަރާފައިވާ ޤައުމުތަކުގައި އާއްމުކަމެއް. ނަމަވެސް ރާއްޖޭގައި ތަކުރާރުކޮށް ރައްޔިތުން ނޫނެކޭ ބުނުމުންވެސް، އައު ބޭފުޅުންނަށް ފުރުޞަތު ނުދީ ބައެއް ފަރާތްތަކުން އިންތިޚާބުތަކުގައި ވާދަކުރާކަން ފާހަގަކޮށްލެވެއެވެ.
އައު ޤާނޫނުއަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާތަކަށް ބަލާއިރު ކާމިޔާބު ފަރާތްތަކާއި ނާކަމިޔާބުވާ ފަރާތްތައް ފެނެއެވެ. ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން، އެހެން ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހު ފަހަތަށް ޖެހޭ ފަރާތްތައް އުޅޭއިރު، ރައްޔިތުން ނޫނެކޭ ބުނުމުންވެސް އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތައްވެސް ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުންދެއެވެ.
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީގެ އިތުރަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކުރިމަތިވި ނާކާމިޔާބީއަކީވެސް އެކަމުގެ ވަށައިގެން ގިނަ ކަންތައްތަކެއް ހުރުމުން ކުރިމަތިވި ނާކާމިޔާބީއެއްކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. މިގޮތުން މަޖިލިސް އިންތިޚާބުގެ ކުރިން ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހުވެސް ޕާޓީގެ ހިންގުން ހަރުދަނާ ނުކޮށް ކުރިއަށް ދިއުމަކީ އޭގެ ތެރެއިން އެއް މައްސަލައެވެ.
މީގެ އިތުރުން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ބަޔަކު އެޕާޓީގެ ލީޑަރޝިޕްގައި ތިބެގެން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަކީވެސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ޕާޓީގެ ތެރެއިން އާއްމު މެމްބަރުން ގޮވާލަމުންދާއިރުވެސް އެކަމަށް މާބޮޑު އިޖާބައެއް ނުދިނުމުގެ ނަތީޖާއަކަށްވީ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާންޖެހުނު ބޮޑު ނާކާމިޔާބީއެވެ. ރައްޔިތުންގެ ތާޢީދު އޮތްތޯ ނެތްތޯ ނުބަލައި، ޕްރައިމަރީއެއް ނުބާއްވާ، ބޭނުން މީހަކަށް އިންތިޚާބުގެ ޓިކެޓް ބަހާލުމުގެ ނަތީޖާ ޕީޕީއެމް ޕީއެންސީއަށް ލިބުނީ ހިތި ގޮތަކަށްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޕީޕީއެމުން ދެހާސް ތޭރައިގެ ރިޔާސީ އިންތިޚާބާއި 2014ގެ މަޖިލިސް އިންތިޚާބަށް ނުކުމެ ބޮޑެތި ކާމިޔާބީ ތަކެއް ހޯދި ނަމަވެސް އެއާ ވިދިގެން އައި ތިން އިންތިޚާބުންވެސް ކުރިމަތިލާން ޖެހުނީ ތަފާތު ބޮޑު ނާކާމިޔާބީއާކާއެވެ.
އިންތިޚާބުތަކުން ނާކާމިޔާބީ ލިބުނު ނަމަވެސް ފެނިގެންދަނީ އާ މޫނުތަކަށް ސިޔާސީ މައިދާނުން ފުރުސަތުތައް ދިނުމުގެ ބަދަލުގައި އަނެއްކާވެސް ނާމިޔާބު ވި ފަރާތްތައް ގޮވައިގެން އަނެއްކާވެސް އިންތިޚާބަށް ނިކުންނަ މަންޒަރެވެ. އޭގެ ނަތިޖާއަކަށްވަނީ ބޮޑުތަނުން ބަލިވެ، އެކުގައި މަސައްކަތްކުރި ޓީމްވެސް ބައިބައިވުމެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑިޕީ ހޯދި ނަތީޖާއަށް ބަލާލުމުން މިކަމުގައި ގެންގުޅުނު އުކުޅު ތަފާތުކަން ފެނިގެންދެއެވެ. 25 އަހަރު މަޖިލިސް ތަމްސީލުކުރެއްވުމުގައި އިންނެވުމަށްފަހު އެ ކަން ދޫކުރައްވާ ރާއްޖޭގެ ރިޔާސަތާއި އިބްރާހިމް މުހައްމަދު ސާލިހް ހާވާލުވީ ސިޔާސީ މައިދާނުން އާ މޫނުތަކަށްވެސް ފުރުސަތު ދެއްވުމަށްކަން މަޖީލީހުގެ އިންތިހާބުގެ ނަތީޖާއިން ފެނިގެން ދެއެވެ. މިކަން އެންމެ ބޮޑަށް އެނގިގެންދަނީ ރައްޔިތުންގެ ތާޢީދު އޮތީ ކޮންކޮން ކެނޑިޑޭޓުންނަށްތޯ ބެލުމަށް ބޭއްވި ބިޔަ ޕްރައިމަރީއެވެ.
އެޕްރައިމަރީގައި މިހާރުވެސް މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުންނަށް ޕާޓީގެ ޓިކެޓް ލިބޭ ގޮތް ނުވިއިރު، ޓިކެޓް ކާމިޔާބު ކުރެއްވި ގިނަ ބޭފުޅުންނަކީ މީގެ ކުރިން މަޖިލީހުން ފެނިފައިނުވާ މުޅިން އައު މޫނުތަކެކެވެ. އެބޭފުޅުންނަކީ ކިތަންމެ އާ ބޭފުޅުންނަށް ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފެނިގެންދިޔައީ އެ މޫނުތަކަށްވެސް ކެމްޕެއިން ކޮށްދެވުމުގައި އެތައް ވަގުތަކެއް ހޭދަކުރައްވަމުން ގެންދެވިތަން. ބައެއް ދުވަސްދުވަހު އެ އަތޮޅެއްގެ ފަސް ރަށަށް ޒިޔާރަތްކުރައްވާއިރު އަނެއްބައި ދުވަސްތަކުގައި މާލޭގެ އެކި ކެމްޕެއިން ޖަގަތަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވަމުން ގެންދެވީ އެއްވެސް ވަރުބަލިފުޅު ކަމެއް ނެތިއެވެ.
ޕްރައިމެރީގައި ބަލިވި ފަރާތްތައްވެސް އެގަލަށް އަރުވާ އެ ފަރާތައްވެސް ގޮވައިގެން ރައީސް ސާލިހް ކެމްޕެއިން މަސައްކަތުގައި ދުވަސްތައް ހޭދަކުރެއްވީ ސިޔާސީ ދައިރާއިން އާ މޫނުތަކަށް ފުރުސަތުދީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓެވުމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ މަޖިލީހަށް އިންތިޚާބުވި 87 މެމްބަރުންގެ ތެރެއިން 62 ބޭފުޅުންނަކީ މަޖިލީހަށް މުޅިން އައު ބޭފުޅުންނަށްވުމެވެ.
ކޮންމެއަކަސް މިފަހަރުގެ މަޖލިސް އިންތިޙާބުގައި އެމްޑީޕީން ހޯދި ފަރަގު ބޮޑު ނަތީޖާ ގެނައުމުގައި އާ މޫނުތަކަށް ފުރުސަތު ދެއްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރެއްވި މަސައްކަތް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި ރިޔާސީ އިންތިޚާބުގައި ހޯދި ފަދަ ބޮޑު ކާމިޔާބީއެއް މި ފަހަރުގެ މި އިންތިޚާބުގައިވެސް ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މޮޅު އުކުޅާއި އެމަނިކުފާނުގެ މަޑުމައިތިރި ހިކުމަތްތެރި ވިސްނުންފުޅުންކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ.