ވިޔަފާރި

ރޯދަމަހު ފިހާރައާއި ސައިހޮޓާ ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އާއްމުކޮށްފި


ރޯދަމަހާއި ރޯދަމަހާއި ވިދިގެން އަންނަ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން އާއްމުކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 29 އޭޕްރިލް ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، ރޭގަނޑު 11 ޖަހާއިރު މިހާރު ބަންދުކުރަންޖެހޭ އިމްޕޯޓް މުދާ ވިއްކާ ފިހާރަތައް 12:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަމަށެވެ.

އަދި ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަން އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމު 3 ޖެހުމާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހު ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަން އާއްމުކޮށް ހުޅުވާފައި ހުންނަ ގަޑިތަކަށް ސަރުކާރުން އަބަދުވެސް ބަދަލު ގެނެއެވެ.