ޚަބަރު

ސޫދާނަށް އަސްކަރީ އިންޤިލާބެއް: ޢުމަރު އަލްބަޝީރުގެ ޒަމާންވީ ވެރިކަން ނިމުމަކަށް


ސޫދާންގެ އަސްކަރިއްޔާއިން އެ ޤައުމުގެ ރައީސް ޢުމަރު އަލް ބަޝީރު މަޤާމުން ދުރުކޮށްފިއެވެ. ސޫދާންގެ ވެރިކަމުގައި ތިރީސް އަހަރު ހޭދަކުރައްވާފައިވާ ޢުމަރު އަލް ބަޝީރުގެ ފަރާތްޕުޅުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާ ނަމަވެސް، އަސްކަރިއްޔާގެ ޓޭންކަރުތައް ވެރިރަސް ޚަރްތޫމަށް ނެރެފައެވެ. އަދި އަސްކަރިއްޔާގެ އިސް ޖެނެރަލް އަޙުމަދު އަވަދް ބިން އައުފް މިހާރު ވަނީ، އަސްކަރިއްޔާގެ ލީޑަރޝިޕްގެ ދަށުން އިންތިޤާލީ ސަރުކާރެއް އެކުލަވާލައްވާފައިވާކަން އިޢުލާންކުރައްވައި، ކުރިއަށް އޮތް ތިން މަސް ދުވަހަށް އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާންކުރައްވާފައެވެ.

މިއާއެކު، ޚާރްތޫމުގެ މަގުތަކަށް އެތައް ހާސް ރައްޔިތުންނެއް ނިކުމެ، ގެންދަނީ މަގުތަކުގައި އުފާފާޅުކުރަމުންނެވެ. އަދި މިހާރު، ސޫދާންގައި ހައްޔަރުކޮށްފައިތިބި ހުރިހާ ސިޔާސީ ކުށްވެރިންވެސް މިނިވަންކޮށްފައިވާކަމަށް، އެ ޤައުމުގެ ނޭޝަނަލް އިންޓެލިޖަންސް އެންޑް ސެކިއުރިޓީ ސަރވިސް އިން މަޢުލޫމާތުދެއެވެ.

ޑިސެމްބަރު މަހު ސޫދާންގައި ހަމަނުޖެހުން އުފެދުނީ، ކާބޯތަކެތީގެ އަގު އުފުލިގެންނެވެ. އެހެނަސް އިސާހިތަކު މި ނުތަނަވަސްކަން ވަނީ، އުމަރު އަލް ބަޝީރުގެ 30 އަހަރުގެ ވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ވެރިރަށް ޚަރްތޫމާއި އުންމު ދުރްމާން ސިޓީގައި ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފައިވާއިރު، މުޒާހަރާގެ ގިނަ ބައިވެރިން ވަނީ ޚަރްތޫމުގައި ހުންނަ ސޫދާން ސިފައިންގެ މައިމަރުކަޒުގެ ކުރިމަތީގައި އެއްވެ އެތަނުގައި މަރުކަޒުކޮށްފައެވެ. އެ މީހުން ގޮވާލަމުން ގެންދަނީ ރައީސް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ކުރާ މުޒާހަރާތަކަށް ސިފައިން އެއްބާރުލުން ދިނުމަށެވެ. އަދި އިސްތިއުފާ ދެއްވުމަށް ރައީސް ބަޝީރަށް މަޖުބޫރުކޮށް، ވަގުތީގޮތުން ސޫދާންގެ ވެރިކަމާ ހަވާލުވުމަށްވެސް މުޒާހަރާކުރާ ފަރާތްތަކުން އެދުވަހު ސިފައިންނަށް ގޮވާލިއެވެ.