ޚަބަރު

އެހެން ޒޯނެއްގައި ދުއްވަނިކޮށް ޓޯކޮށްފިނަމަ ޒޯން ބަދަލުކުރަން ހުއްދައެއް ނުދެވޭނެ- ޓްރާސްޕޯޓް މިނިސްޓްރީ


ރަޖިސްޓްރީކޮށްފައިިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދުއްވަނިކޮށް ޓޯކުރާ އުޅަނދުތަކަށް އެހެން ޒޯންތަކުގައި ދުއްވުމަށް ދޫކުރާ ހުއްދަ ނުދޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯންތަކުގައި ދުއްވަނިކޮށް ފުލުހުން ޓޯކުރާ އުޅަނދުތަކުގެ ޒޯން ބަދަލުކުރުމުގެ ވަގުތީ ހުއްދައަށް އެެދެމުންދާކަން އެ މިނިސްޓްްރީއަށް ފާހަގަވެފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީއު ވިދާޅުވީ މިގޮތަށް ހުއްދަ ނުދޭން ނިންމާފައިވަނީ އެއީ ޒޯން ބަދަލުކުރުމުގެ ހުއްދަ ދިނުމާގުޅޭ ޤަވާއިދާ ޚިލާފު ކަމަކަށް ވާތީކަމަށެވެ. އެގޮތުން އުޅަނދުގެ ޒޯން ބަދަލުކުރަން އެދޭނެނަމަ، އެކަމުގެ ހުއްދަ ކުރިން ނަގަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހުއްދަ ޓްރާސްޕޯޓް މިނިސްޓްރީއިންނާއި އެމިނިސްޓްރީއިން ކަނޑައަޅާފައިވާ ތަންތަނުން ދޫކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ މިގޮތަށް ޒޯން ބަދަލުކުރާއިރު، އުޅަނދު ދުއްވާ ތަން ބަދަލުކުރުމުގެ ވަގުތީ ހުއްދަ ދޭނީ، އުޅަނދުގެ ޒޯން ބަދަލުކުރަން ބޭނުންވާ ސަބަބު މިނިސްޓްރީއަށް ލިޔުމަކުން އެންގުމުންކަމަށެވެ. އުޅަނދުގެ ޒޯން ބަދަލުކުރުމަށް ދޫކުރާ ހުއްދައިގެ އެންމެ ދިގު މުއްދަތަކީ 6 މަސްދުވަހެވެެ.