ޚަބަރު

އިންޑިޔާގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް


ދުނިޔޭގައި ކުރިއެއްގެންދާ އެންމެ ބޮޑު ޑިމޮކްރެޓިކް ހަރަކާތްކަމަށްވާ، އިންޑިޔާގެ ޢާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށްއެބަދެއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޑިމޮކްރަސީގެ ޢާއްމު އިންތިޚާބު ކުރިއަށްގެންދާނީ ހަތް މަރުހަލާއަކަށް ބަހާލައިގެންނެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ފަސް ސަތޭކަ ސާޅީސް ތިން ގޮނޑީގެ މެމްބަރުން ކަނޑައެޅުމަށް ބާއްވާ މި އިންތިޚާބުގެ ފުރަތަމަ މަރުހަލާގައި ވޯޓުލާނީ ޤާނޫނު ހަދާ މަޖިލީހުގެ ނުވަދިހަ އެއް ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށެވެ. މި ގޮތުން، ފުރަތަމަ މަރުހަލާގައި ވޯޓުލުމަށް އެ ޤައުމުގެ ވިހި ސްޓޭޓެއްގައި ވޯޓު ފޮށިތައް ބަހައްޓާފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ނުވަ ސަތޭކަ މިލިއަން މީހުން ރަޖިސްޓްރީވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އިންތިޚާބުގެ ކުރިން ކުރެއްވި ޓްވީޓެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ، ގިނަ ރައްޔިތުން މި އިންތިޚާބުގައި ވޯޓުލުމަށް ގޮވާލައްވާފައެވެ. އަދި މި ވަގުތު ޤައުމުގެ ތާޢިދު އޮތީ ވެރިކަން ކުރާ ބީ.ޖޭ.ޕީގެ އިއްތިހާދަށް ކަމަށްވެސް މޯދީ ދައުވާކުރެއްވިއެވެ.

2014 ވަނަ އަހަރަށްފަހު އިންޑިއާގައި ބާއްވާ ފުރަތަމަ ޢާއްމު އިންތިޚާބާއެކު، ކުރިއަށް އޮތް ފަސް އަހަރު އެ ޤައުމުގައި ވެރިކަންކުރާނެ ފަރާތެއް ކަނޑައެޅިގެންދާނެއެވެ. އިންޑިޔާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑުވަޒީރު މޯދީގެ ސަރުކާރު ވެރިކަމުގައި އޮއްވާ އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ، އެ ޤައުމުގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް މަދުވުމުގެ ސަބަބުން، ބީ.ޖޭ.ޕީގެ އިއްތިހާދަށް އޮތް ތާއީދު ކުޑަވެފައިވާކަމަށެވެ.

އެހެންނަމަވެސް މިއަހަރުގެ ކުރީކޮޅު އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ހިންގި ކުރިމަތިލުންތަކުގެ ސަބަބުން މޯދީގެ ސަރުކާރަށް އޮތް ތާއީދު އަނެއްކާވެސް އިތުރުވެފައިވާކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެޕްރިލް މަހުގެ އެގާރައިން މޭ މަހުގެ 19 އަށް ކުރިއަށްދާ އިންތިޚާބުގެ ވޯޓުގުނަން ފަށާނީ މޭ މަހުގެ 23 ވަނަ ދުވަހުގައެވެ.