ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރުވެސް ސާފްފައިދާގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލްއިން ނެރެ އާއްމުކޮށްފައިވާ 2018ވަނަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު، އިޖުތިމާއީ ކަންކަމަށް ހޭދަކުރި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓާއިއެކުވެސް އެ ބޭންކުން ވަނީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދާފައެވެ.
ބީއެމްއެމްގެ 2018 ވަނަ އަހަރުގެ މާލީ އުސްއަލިތަކަށް ބަލާއިރު، އެ ބޭންކުން ވަނީ މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފްފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހޯދާފައެވެ. މިއީ މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު، %13 އިތުރުވުމެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު ބީއެމްއެލްއަށް ސާފްފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.
ބީއެމްއެލްއަށް ސާފްފައިދާގެ ގޮތުގައި ލިބުނު އަދަދު ވޭތުވެދިޔަ ތިން އަހަރުވެސް އުޅެނީ ބިލިއަނަކަށްވުރެ މަތީގައެވެ. މާލީގޮތުން މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއާއިއެކު އެ ބޭންކުން ވަނީ، ފައިދާގެ ގޮތުގައި ހިއްސާއަކަށް 24 ރުފިޔާގެ މަގުން ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، މިދިޔަ އަހަރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދުމުގެ އިތުރުން ދޫކުރެވުނު ލޯނުގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ.
ބީއެމްއެލްއިން ވަނީ، މިދިޔަ އަހަރު އެ ބޭންކްގެ އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް %4.1 އިން %3.5 އަށް ދަށްކޮށްފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައެވެ.
"މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުން މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓް. ބޭންކުގެ އަމާޒަކީ މިހާރު ހާސިލްވެފައިވާ ކާމިޔާބީ ދެމެހެއްޓުން" ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ބީއެމްއެލްއިން އަތޮޅުތެރޭގައި ބޭންކިންގގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 4 އައު ބްރާންޗާއި 5 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށްފައެވެ. މީގެ އިތުރުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތާއި ލޯނަށް ފައިސާ ދެއްކޭނެ ހިދުމަތްވެސް އެ ބޭންކުން ވަނީ ތާރަފްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު، ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދު 230 އިން 277 އަށް އިތުރުކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ އިޖުތިމާއީ ޒިއްމާގެ ދަށުން މިދިޔަ އަހަރު ވަނީ، 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.