ޚަބަރު

ހިލޭ ހެލްމެޓް ބެހުމުގެ ދެވަނަ ޕްރޮގްރާމް އައްޑޫ ސިޓީގައި


ހިލޭ ހެލްމެޓް ދިނުމުގެ ދެވަނަ ޕްރޮގްރާމު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި 30 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވަން ހުއްދަ ދީފައިވާ ކޮންމެ ސަރަހައްދެއްގައިވެސް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބައި ހިންގާފައިވާއިރު ދެވަނަ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ގައި ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ ގޮތުގައި އައްޑޫގައި ހިންގާ މިޕްރޮގްރާމަށް ނަންނޯޓު ކުރުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހު އާންމު ކޮށް ހުޅުވާލާނެ ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓު މެދުވެރިކޮށް ނަންނޯޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިފާއިވާއިރު، މިޕްރޮގްރާމުގައި ބައިވެރިވުމަށް އެންމެ ގިނަވެގެންވެސް ނަންނޯޓު ކުރެވޭނީ 700 މީހުންނަށް ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތަށް ދަސްކޮށްދީ، އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ޤާބިލް ބަޔަކަށް ހެދުން ކަމަށެވެ. އަދި ބާރަށް ދުއްވުމަކީ ނުރައްކާތެރި އެކްސިޑެންޓުތަކަށް މަގުފަހިވާނެ ކަމެއް ކަން ވިސްނައިދީ އެކްސިޑެންޓް މަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.

އައްޑޫ ސިޓީ ލިންކްރޯޑަކީ މިހާތަނަށް ބަލާއިރު ގިނަ ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގާ މީހުންގެ ފުރާނަވެސް ގެއްލިފައިވާ ތަނެކެވެ.