ޚަބަރު

ދަމަނަވެށިން އިންފްލުއެންޒާ ވެކްސިން ޖަހައިދޭން ފަށައިފި


މާލޭ ދަމަނަވެށިން އިންފުލުއެންޒާ ވެކްސީން ޖަހައިދޭން ފަށައިފިއެވެ. ފްލޫ ވެކްސިންގ ޖެހުމަށް ބޭނުންވާ ބޭސްސިޓީ ހެއްދުމާއި، ވެކްސިންގ ޖަހައިދިނުމުގެ ކަންކަންވެސް ދަމަނަވެށިން ކުރިއަށްދާކަމަށް އެމަރުކަޒުން ވިދާޅުވެއެވެ.

ވެކްސިންގ ޖެހުމަށް ބޭނުންވާ ބޭސް ސިޓީ ހެއްދުމަށް އެއްވެސް ފީއެއް ނުނެގި ނަމަވެސް، ވެކްސިންގ ޖަހައިދިނުމުގެ ފީގެ ގޮތުގައި 10 ރުފިޔާ ނެގުމަށްވަނީ ހަމަޖެހިފައެވެ. ވެކްސިންގ ޖެހުމުގެ ކަންކަން ދަމަނަވެށީގައި ކުރިއަށްދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15އިން ފެށިގެން މެންދުރު އެއްގަޑި ތިރީހާ ހަމައަށެވެ.

ދަމަނަވެށިން ބިދޭސީންނަށްވެސް ފުލޫ ވެސްސިންގ ޖަހައިދޭނެކަމަށް ދަމަނަވެށިންވަނީ ވިދާޅުވެއެވެ.
ބޭސްސިޓީ ހެއްދުމަށް ބިދޭސީންގެ އަތުން 100 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރި، ވެކްސިންގ ޖަހަދެނީ 20 ރުފިޔާ ދެއްކުމުންނެވެ.

ރޯދަމަހުވެސް ވެކްސިންގ ދިނުމުގެ އިންތިޒާމް ދަމަނަވެށީގައި ހަމަޖެހިފައި ހުންނާނެ ކަމަށާ، ރޯދަމަހު ވެކްސިންގ ޖެހޭނެ ވަގުތުތައް ފަހުން ޢާއްމުކުރާނެކަމަށް އެފަރާތުން ވިދާޅުވެއެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި އިންފުލުއެންޒާ ރޯގާ އިތުރުވެދާނެކަމަށް ލަފާކުރެވޭތީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އިންފްލުއެންޒާ ވެކްސިންގ ކޮންމެ އަހަރަކު އެއްފަހަރު ޖެހުމަށް ސިއްޙީ އެހީދޭ ފަރާތްތަކުން ލަފާދެއެވެ.

މީގެތެރެއިންވެސް މާބަނޑު މީހުންނާއި، ތުއްތު ކުދިންނާއި، އުމުރުން ދޮށީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރަމުންދާ މީހުންނާއި، އޮޕަރޭޝަންތައް ކޮށްފައިވާ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ.