ޚަބަރު

"ކަސްޓަމަރ ޕޯޓަލް" - ދެން ޑޮކްޓަރު ރިޕޯޓްތައް ކަރުދާހުގައި ގެންގުޅޭކަށް ނުޖެހޭނެ


ދިވެހި ރައްޔިތުންނަށް ހިލޭ ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމް އާސަންދައިގެ ޚިދުމަތް ފުޅާ ކުރައްވައި ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް ސަރުކާރުންއަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އަލަށް އުފެއްދެވި "ވިނަވި ޕޯޓަލް" މެދުވެރިކޮށް، ބަލިމީހާ ޑޮކްޓަރަށް ދެއްކުމާގުޅޭ އެންމެހައި މަޢުލޫމާތެއް ރައްކާތެރިގޮތުގައި ބަލަހައްޓަން މިހާރުވަނީ ފަށާފައެވެ.

އާސަންދަ ޚިދުމަތް ރާއްޖެގައި ފެށިގެން އައީ ވަރަށް ކުޑަގޮތަކަށެވެ. އެއްލައްކަ ރުފިޔާގެ ހިލޭ ބޭސްފަރުވާ ސަރުކާރުގެ އެހީގައި ދެމުން ދިޔައިރު، ދިވެހިން ޢާއްމުކޮށް ޑޮކްޓަރަށް ދައްކާ އެއްތައް ޚިދުމަތަކަށް އާސަންދައިން އޭރު ނުލިބޭ. މުހިންމު ބޭސްތަކަށްވެސް އާސައްދަ ލިބުން އޮތީ ދަތިކަމަކަށް ވެފައެވެ.

އެހެންނަމަވެސް 2014ވަނަ އަހަރުވަނީ އާސަންދަ ޚިދުމަތް ހުސްނުވާ އާސަންދައިގެ ގޮތުގައި ހަމަޖައްސައި، ސަރުކާރުގެ ސިއްޙީ ފަރުވާދޭ އެންމެހައިތަންތަނުން ހޯދާ ޚިދުމަތް ތަކަކީ އަސަންދައިގެ ތެރެއިން ހިލޭ ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހަދާފައެވެ. އަދި އަމިއްލަ ބައެއް ކްލިނިކްތަކާއި ހޮސްޕިޓަލްތަކުންވެސް، ވަކި އިންސައްތައަކަށް އާސަންދަ ޚިދުމަތްތައް ލިބެންހުރެއެވެ.

ކުޑަ ގޮތަކަށް އާސަންދަ ޚިދުމަތް ފެށިނަމަވެސް، އެ ކުންފުނިން މިހާރުވަނީ، ވަރަށް ބޮޑަށް ޚިދުމަތް ފުޅާކޮށް ޚިދުމަތްތައް ފަސޭހަކޮށްފައެވެ. ހިލޭ ޑޮކްޓަރަށް ދެއްކުމާއި، ހިލޭ ބެސް ލިބޭނެ އިންތިޒާމްގެ އިތުރުން، ރާއްޖޭގެ ސިއްޙީ ނިޒާމް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފެށި މަސައްކަތުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏަކީ އާސަންދަ ކުންފުންޏެވެ. އެ ކުންފުނީގެ "ވިނަވި ޕޯޓަލް" މެދުވެރިކޮށް 6 އަތޮޅުގެ، ސިއްޙީ ނިޒާމާގުޅޭ މަޢުލޫމާތުތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށާފައެވެ.

"ވިނަވި ޕޯޓަލް" މެދުވެރިކޮށް، ބަލިމީހާ ޑޮކްޓަރަށް ދެއްކުމާގުޅޭ އެންމެހައި މަޢުލޫމާތެއް ރައްކާތެރިގޮތުގައި ބަލަހައްޓަން މިހާރުވަނީ ފަށާފައެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން އާސަންދަ ކުންފުނީގެ، މެޑިކަލް ކްލިނިކްސް ޑިޕާޓްމަންޓްގެ މެނޭޖަރ މަރިޔަމް ފަޔާޒާ ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ބަލިމިހާ ޑޮކްޓަރަށް ދެއްކި ތާރީޚާއި ދެއްކި ޑޮކްޓަރާއި ދެއްކި ބެނުމާއި އަދި ޑޮކްޓަރުގެ ލަފަޔާއި ދީފައިވާ ބޭސްތަކުގެ ތަފްސީލްތައް ރައްކާތެރިކޮށް، ފަސޭހައިން ބަލާލެވެން ހުންނާނެކަމަށެވެ. އެއްވިއުގައަކުން ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ގުޅާލުމުން މިމަޢުލޫމަތުތައް ކޮންމެ ހޮސްޕިޓަލަކުންވެސް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.

އާސަންދަ ކުންފުނިން ގެންދަވަނީ "ވިނަވި ޕޯޓަލް" އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. ދާދި ފަހުންވަނީ ބަލިމިހާ ހަދާ ޓެސްޓުތަކާއި ރިޕޯޓްތައްވެސް މި ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް ބެނުން ކުރަން ފަށާފައެވެ. މި ޕޯޓަލް މެދުވެރިކޮށް އެކްސްރޭއާއި ލޭގެ ޓެސްޓާއި ސްކޭން ފަދަ ރިޕޯޓްތައް ޖިޓަލައިޒްކޮށް ރައްކަތެރިކުރަންވަނީ ފަށާފައެވެ.

ކުރިންނަމަ ޑޮކްޓަރުގެ ޝަކުވާއަަކަށްވަނީ ބަލިމީހާއަށް ކުރިން ދެވިފައިވާ ފަރުވާތަކުގެ މަޢުލޫމާތު ނޭންގުމެވެ. މީގެ ސަބަބުން ބަލިމީހާއަށް ފަރުވާ ލިބިފައިވާ މިންވަރު ދެނެގަތުމަށް ދަތިވެ، ބަލިމީހާގެ ފަރުވާ ލަސްވެގެންވެސްދެއެވެ.

"ވިނަވި ޕޯޓަލް އަދި ހަ އަތޮޅުގައި ފެށިނަމަވެސް، ތިން މަހެއްހައި ދުވަހުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި ޕޯޓަލް ބެނުންކުރަން ފަށައި، އެއް ވިއުގައެއްގައި މަޢުލޫމާތުތައް ރައްކާކުރެވެނެ." ފަޔާޒާ ވިދާޅުވިއެވެ.

އަސަންދަ ޚިދުމަތް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން، ޢާންމުންނަށް ވަރަށް ބޭނުންތެރި އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައެވެ. ބަލިމީހާގެ ޓެސްޓުތަކުގެ ނަތީޖަތައް ފައިލްތަކާއި، ސިޓީ އުރައުރައިގަޔާއި، ސީޑީތަކުގައި ދެން ގެންގުޅޭކަށް ނުޖެހޭނެއެވެ. އާސަންދައިން ގެންދަނި "ކަސްޓަމަރ ޕޯޓަލް"ގެ ނަމުގައި އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ބަލިމީހާގެ، މެޑިކަލް ހިސްޓްރީ، ނުވަތަ ޑޮކްޓަރަށް ދެއްކުމާގުޅޭ ހުރިހާ މަޢުލޫމާތުތައް އަތުގައި އޮންނަ ފޯނުން ބަލާލެވޭނެއެވެ. އެ ކުންފުނިން ބުނެފައިވަނީ، މި އެޕްލިކޭޝަން ހެދުމުގެ މައިގަނދު މަސައްކަތް ނިމިފައިވަ ކަމަށާއި، މިހާރު ކުރަނި އެޕްލިކެޝަން ޓެސްޓްކުރުމާއި، ހުރި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ. ރާއްޖެގެ ހުރިހާ ރަށެއްގައި ވިނަވި ޕޯޓަލް ޤާއިމުކުރުމުގެ މަސައްކަތް ނިމުމުން، މި އަހަރު ތެރޭގައި "ކަސްޓަމަރ ޕޯޓަލް" ބޭނުންކުރަން ފެއްޓޭނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. މި އެޕްލިކޭޝަން ބޭނުން ކުރަން ފެށުމުން، އެމީހެއްގެ ނަންމަތީގައި ބޭހެއް ނެގި ނަމަވެސް، އެކަން ފޯނަށް އަންނަ ނޮޓިފިކޭޝަނަކުން ދެނެގަނެވޭވެނެއެވެ.

އާސަންދަ ކުންފުނިން ގެންދަނީ ރާއްޖެއިން ނުލިބޭ ޚިދުމަތްތަކަށް، ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށްވެސް ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންނެވެ. އަދި ސަރުކާރުން މިހާރު ގެންދަނީ ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ތިން ޤައުމެއްގައިވެސްހިލޭ ބޭސްފަރުވާ ކުރެވޭނެ ނިޒާމު އާސަންދަ މެދުވެރިކޮށް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންނެވެ.