ވިޔަފާރި

މަންޓާ އެއަރގެ ދަތުރުތައް ދަރަވަންދޫއަށް ފަށަނީ


އަންނަ ބުރާސްފަތިދުވަހު މަންޓާ އެއަރގެ ދަތުރުތައް ބ. ދަރަވަންދޫއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީމަހު ރަސްމީކޮށް ދަތުރުތައް ފަށާފައިވާ މަންޓާ އެއަރއިން މިހާރުވެސް އަންނަނީ ކޮންމެ ދުވަހަކު ހަތަރު ދަތުރު ދ. ކުޑަހުވަދޫ އެއާޕޯރޓަށް ކުރަމުންނެވެ.

އަދި ބ.ދަރަވަންދޫއަށް ފަށާ ދަތުރުތައް ވެގެންދާނީ އެއަރލައިނުން ދަތުރުކުރާ ދެވަނަ މަންޒިލަށެވެ.
މަންޓާ އެއަރއިން މައުލޫމާތުދޭގޮތުން ބ. ދަރަވަންދޫއަށް ދުވާލަކު ދެ ދަތުރު ކުރުމަށް ރާވާފައިވާ ކަމަށާއި، އަދި ކުރިމަގުގައި ދަރަވަންދޫއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ދަރަވަންދޫއަށް ދަތުރުތައް ފެށުމާ ގުޅުވައިގެން، މަންޓާ އެއަރއިން ވަނީ ޙާއްސަ ފެއަރ ޓިކެޓުތަކެއް ތައާރަފްކޮށްފައެވެ. އެގޮތުން ބޮޑު މީހަކަށް އެއްކޮޅު ޓިކެޓް ހަތަރު ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ އަދި ކުޑަ ކުއްޖަކަށް ދުއިސައްތަ ސާޅީސް ނުވަ ރުފިޔާއަށް އެއްކޮޅު ޓިކެޓު ވިއްކުމަށް މަންޓާ އެއަރއިން ވަނީ ނިންމާފައެވެ.

ދަރަވަންދޫގެ އިތުރުން ތިމަރަފުށީ އެއާރޕޯރޓަށްވެސް މަންޓާގެ ދަތުރުތައް ފަށާނޭކަމަށް އެ އެއަރލައިނުން މީގެކުރިން ވަނީ ބުނެފައެވެ.