ޚަބަރު

ސޫދާންގައި ކުރަމުންދާ މުޒާހަރާތައް: މިހާތަނަށް 5 މީހުން މަރުވެފައިވޭ


ސޫދާންގައި ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން ގައުމުގެ މުސްތަގްބަލް ނޭނގުމެއްގެ ތެރެއަށް ވެއްޓިގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެކަމަށް ސޫދާނުގެ ސިފައިންގެ ވެރިޔާ އަދި އާމީ ޗީފް އޮފް ސްޓާފް، ޖެނެރަލް ކަމާލް އަބްދުލްމަޢުރޫފް ވިދާޅުވެއްޖެއެވެ.

ޖެނެރަލް މައުރޫފް ވިދާޅުވީ މުޒާހަރާތަކާއި އިޙްތިޖާޖްތަކަށްވެސް ހައްދެއް އޮންނާނެ ކަމަށާއި، މުޒާހަރާތަކާއެކު ގައުމުގެ އަމަން އަމާންކަން ނުރައްކަލުގެ ތެރެއަށް ވައްޓާލައި ރައްޔިތުންގެ ދިރިއުޅުމަށް ބުރޫއަރާފަދަ ޙާލަތެއް ކުރިމަތިވުމުގެ ފުރުޞަތު ނުދެއްވާނެކަމަށެވެ.

ސޫދާން ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް ކަމާލް އަބްދުލްމަޢްރޫފް މިހެން ވިދާޅުވީ ސިފައިންގެ ކޮމާންޑްތަކުގެ ވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ސޫދާނުގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރުގެ އިސްތިއުފާއަށް ގޮވާލައި މިދިޔަ ޑިސެމްބަރު މަހު ފެށި މުޒާހަރާތައް މިފަހަކަށް އައިސްވަނީ ހުއްޓުމެއްނެތް އިޙްތިޖާޖްތަކަކަށް ބަދަލުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެރިރަށް ޚުރްތޫމް އާއި އުންމު ދުރްމާން ސިޓީގައި ބަޝީރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކޮށްފައިވާއިރު، މުޒާހަރާގެ ގިނަ ބައިވެރިން ވަނީ ޚުރްތޫމުގައި ހުންނަ ސޫދާން ސިފައިންގެ މައިމަރުކަޒުގެ ކުރިމަތީގައި އެއްވެ އެތަނުގައި މަރުކަޒުކޮށްފައެވެ. އެ މީހުން ގޮވާލަމުން ގެންދަނީ ރައީސް ބަޝީރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ކުރާ މުޒާހަރާތަކަށް ސިފައިން އެއްބާރުލުން ދިނުމަށެވެ.

އަދި އިސްތިއުފާ ދެއްވުމަށް ރައީސް ބަޝީރަށް މަޖުބޫރުކޮށް، ވަގުތީގޮތުން ސޫދާންގެ ވެރިކަމާ ހަވާލުވުމަށްވެސް މުޒާހަރާކުރާ ފަރާތްތަކުންވަނީ ސިފައިންނަށް ގޮވާލާފައެވެ. މި ގޮވާލުންތަކާ ގުޅިގެން ސޫދާނުގެ ރިޔާސީ ތަރުޖަމާނު ހަސަން އިސްމާއީލް ވިދާޅުވީ ސިފައިންނާ ވެރިކަން ހަވާލުކުރުމުގެ ވިސްނުން ރައީސް ބަޝީރު ނުގެންގުޅުއްވާ ކަމަށާއި، ބަޝީރު ހުންނެވީ މަގާމުން އިސްތިއުފާ ދެއްވާގޮތަށް ނޫންކަމަށެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް ފަސް މީހުން މަރުވެފައިވާއިރު ސޫދާންގެ ސަލާމަތީ ބާރުތަކުން ބުނަނީ މުޒާހަރާތަކަށް ފުރުޞަތު ދޭކަމަށާއި، ނަމަވެސް އަމަން އަމާންކަން ގާއިމް ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. ސޫދާނުގެ ސަލާމަތީ ބާރުތަކުންވަނީ ސިފައިންގެ މަރުކަޒުގެ ކުރިމަތީގައި އެއްވެފައިވާ އެއްވުން ރޫޅާލުމަށްޓަކައި ކަރުނަ ގޭސް ބޭނުންކޮށްފައެވެ.