ޚަބަރު

ތެލަށް ޖެހުން - ގަމާއި ފޮނަދުއަށް ދިމާވާ ބޮޑު މައްސަލައެއް


ރާއްޖޭގެ އެންމެ ބިންބޮޑު އެއްސަރަހައްދުކަމަށްވާ ލ.އަތޮޅުގެ ޢާއްމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސެލް ވިއްކުމުގެ ޚިދުމަތް ހުއްޓޭ މައްސަލައަކީ ފަހަކަށްއައިސް އެއަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވާ ވަރަށްބޮޑު ދައްޗެކެވެ. ލ.އަތޮޅަކީ އެއްގަމު ދަތުރުފަރުތަށް ވަރަށްބޮޑަށް ބަރޯސާވާން ޖެހިފައިވާ އަތޮޅެކެވެ.

ލ.އަތޮޅުގެ ގަމާއި ގުޅިފައިވާ ފޮނަދޫގައި އެއްތަނުން އަނެއްތަނަށް ދިއުމަށްޓަކައި އެއްގަމު އުޅަނދެއްގައި ނޫންގޮތެއް އިޚްތިޔާރުކުރުމަކީ ދަތިކަމެކެވެ. މި ސަރަޙައްދަކީ ބިންބޮޑު ސަރަޙައްދަކަށްވާއިރު ދަތުރުކުރަންޖެހޭ ސަރަޙައްދުވެސް ބޮޑެވެ.

އެއްގަމު ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ތެލަކީ މިދެރަށުގެ ރައްޔިތުންގެ ޢާއްމު ދިރިއުޅުމާއި ގުޅިފައިވާ ޒަރޫރީ ވަޞީލަތެކެވެ. އެހެންނަމަވެސް ލ.އަތޮޅުން ތެޔޮ ހުސްވެ އަތޮޅު ތެލަށް ޖެހުމަކީ ޢާއްމުކަމެއްކަމަށް ދެރަށުގެ ރައްޔިތުން ބުނެއެވެ. އަތޮޅު ކައުންސިލުންވެސްވަނީ ކޮންމެވެސް ވަރަކަށް މިކަން ހިނގާކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. މީގެސަބަބުން ޢާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ގިނަކަންކަން ނުކުރެވި މަސައްކަތްތައް ހުއްޓުމަކަށްއައުމަކީ މި 2ރަށުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ބޮޑު މައްސަލައެކެވެ.

ލ.ގަމާއި ފޮނަދޫގައި ތެލުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް 3 ޕެޓްރޯލް ޝެޑު ހިންގައެވެ. އަމިއްލަ ކުންފުންޏަކާއި އެހެން އަމިއްލަ 2 ފަރާތަކުން ހިންގާ މި 3 ޝެޑުން ގަމާއި ފޮނަދުއަށް ބޭނުންވާ ތެޔޮ ފޯރުކޮށް ދެމުން އަންނައިރު ބައެއް ދުވަސްވަރު ޚިދުމަތް ފޯރުކޮށްދިނުމުގައި އެކިދަތިތަކާއި ދިމާވެ އެކަށީގެންވާގޮތުގައި ޚިދުމަތް ދިނުމުގައި ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. މިހަފްތާގައިވެސް މިމައްސަލަ ކުރިމަތިވެފައިވާއިރު ތެޔޮ ނުލިބި 4 ދުވަސްވެފައިވާކަމަށް ޢާއްމުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ލ.އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ވިދާޅުވީ 2 ރަށުގައި ދިރިއުޅޭ 8000 މީހުންގެ އާބާދީއަށް ބޭނުންވާ ޕެޓްރޯލް ފޯރުކޮށްދިނުމުގައި 3 ޝެޑަކީ މަދު ޢަދަދެއް ނޫންކަމަށާއި ޝެޑުތައް ހިންގުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ ކެޕޭސިޓީ ނެތުންކަމަށެވެ. އަދި އެމައްސަލަ ޙައްލުކުރުމުގައި ކައުންސިލަށްވެސް އެހީތެރިވެވިދާނެކަން ކައުންސިލްގެ ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ފޮނަދޫގައި ހިންގަމުން އަންނަ އައި.އާރް ސްޓޯރްގެ ފަރާތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހަސަން މުއިއްޒު ވިދާޅުވީ ތެޔޮ ހުސްވުމަށް ދިމާ ސަބަބުތަކުގެތެރޭގައި ދަތުރުފަތުރުގެ ނިޒާމު އެންމެ ރަނގަޅު ނުވުން ހިމެނޭކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެންވެސް ތެޔޮ ރަށަށް ގެނައުން ލަސްވެ ޚިދުމަތަށް ބުރުއަރާކަމަށް އޭނާ ވިދާޅުވިއެވެ.

ތެލުގެ ކެޕޭސިޓި އިތުރުކުރުމަށް ކައުންސިލުން އެއްބާރުލުން ދޭން ތައްޔާރަށް އޮތްއިރު އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުނީ ކައުންސިލުން މިވިޔަފާރިކުރުމަށް ރަށުގެ ޢާއްމުނަށް ފުރުސަތު ނުދޭކަމަށެވެ. މިކަމާ ގުޅޭގޮތުން ކައުންސިލުން ވިދާޅުވީ ވިޔަފާރި ކުރުމަށާއި އެނޫންވެސް ބޭނުންތަކަށް ބިން ދޫކުރުމުގެ ބާރު މީގެކުރިން ކައުންސިލްތަކަށް ނޯންނަކަމަށާ، މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ދަށުން ކައުންސިލްތަކަށް ދިން ބާރުތަކާއެކު ކޮންމެވެސް ވަރަކަށް ބިން ދޫކުރުމުގެ ފުރުސަތު ކައުންސިލަށް ލިބިފައިވާކަމަށެވެ. އަދި ފޮނަދޫގައި ހިންގަމުން އަންނަ ޕެޓްރޯލް ޝެޑަކީ ކައުންސިލަށް ލިބުނު ބާރުގެ ދަށުން ކުރިން ދޫކޮށްފައިވާ ބިމެއްކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.

ލ.ގަން ފަދަ ބިން ބޮޑު ރަށްރަށުން ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް އެކަނި ނޯންނަކަން ފާހަގަކުރައްވައި ކައުންސިލްގެ ރައީސް ވިދާޅުވީ އެކަން ކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވަކި ޚާއްސަ ޕްލޭނެއްގެ ދަށުންކަމަށެވެ. އަދި މިނިސްޓްރީއާ ގުޅިގެން ބިންތައް އެކި ބޭނުންތަކަށް ދޫކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.