ޚަބަރު

ބީޖޭޕީގެ އިންތިޚާބީ މެނިފެސްޓޯއަށް ކޮންގްރެސް ޕާޓީގެ ފާޑިކިޔުން


އިންޑިޔާގައި ވެރިކަން ކުރާ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ފަސްއަހަރުގެ ވެރިކަމުގައި އަހަރަކު ހަތަރެއް ޕޮއިންޓް ހަތެއް މިލިޔަން ވަޒީފާގެ ރޭޓުން ވަޒީފާ ގެއްލިގެން ގޮސްފައިވާ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީން ބުނެފިއެވެ.

ބީޖޭޕީން ނެރުނު އިންތިޚާބީ މެނިފެސްޓޯ އަށް ރައްދު ދެއްވަމުން ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ، އިންޑިޔާގައި ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ މަތީގައި ހުރީ ބީޖޭޕީގެ ވެރިކަމުގައިކަމަށެވެ.

އަހަރަކު ވިހި މިލިޔަން ވަޒީފާ އުފައްދަން ބީޖޭޕީން ވައުދުވެފައިވާއިރު އެ ޕާޓީގެ ވެރިކަމުގައި އަހަރެއްގެ މައްޗަށް ހަތަރެއް ޕޮއިންޓް ހަތެއް މިލިޔަން ވަޒީފާ ގެއްލިގެންގޮސްފައިވާ ކަމަށް ރާހޫލް ގާންދީ ވިދާޅުވިއެވެ. އިންޑިޔާގެ އާންމު އިންތިޚާބަށް ޚާއްސަކޮށްގެން ބީޖޭޕީން ނެރުނު މެނިފެސްޓޯގައި، ފަގީރު ދަނޑުވެރިންނަށް ސަބްސިޑީ ދިނުމަށް އަހަރަކު ތިން ސަތޭކަ ބިލިޔަން ޑޮލަރު ހަމަޖެއްސުމާއި، ފިޔަވަހިތަކަކަށް ބަހާލައިގެން އިންޑިޔާއިން ފަގީރުކަން އެއްކޮށް ނައްތާލުން ހިމަނާފައިވެއެވެ.

އަދި ޒަމާނީ ތަރައްޤީ އިންޑިޔާއަށް ގެނައުމަށްޓަކައި ޒަމާނީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެކެއް ޕޮއިންޓް ހަތަރެއް ޓްރިލިއަން ޑޮލަރު ހޭދަކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކޮންގްރެސް އިންވަނީ ބީޖޭޕީގެ މެނިފެސްޓޯއަކީ ވޯޓު ހޯދުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަށް ނެރުނު އަސާސެއް ނެތް އެއްޗެއް ކަމަށް ސިފަކޮށް، ބީޖޭޕީގެ ފަސްއަހަރު ވީ ވެރިކަމުގައި އިންޑިޔާއިން އާދަޔާ ޚިލާފު ތަރައްގީއެއް ފެނިފައިނުވާ ކަމަށް ބުނެފައެވެ.