ވިޔަފާރި

ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން އެންމެ ބާރު ދުވެއްޔެއްގައި ކުރިއެރީ ރާއްޖޭގެ އިޤްތިޞާދު


ހުސްވި އަހަރު ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިޤްތިޞާދީ ގޮތުން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާފައިވަނީ ދިވެހިރާއްޖެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި، އިމާރާތްކުރުމުގެ ދާއިރާއަށް މިދިޔަ އަހަރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ 'ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް' ރިޕޯޓުގައިވަނީ ދެކުނު އޭޝިއާގެ ވަކި ވަކި ޤައުމުތަކުގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަގުގައި އަންނާނެ ބަދަލުތައް ލަފާކޮށްފައެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ސައުތު އޭޝިއާ އަކީ ދުނިޔޭގައި އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ސަރަޙައްދުކަމަށެވެ. އެގޮތުން މިއަހަރު ދެކުނު އޭޝިއާ ސަރަހައްދުގެ އިޤްތިސާދީ ދުވެލި ހުންނާނެ ކަމަށް ލަފާ ކޮށްފައިވަނީ ހަތެއް އިންސައްތައިގައެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިއާ އިޤްތިސާދީގޮތުން އިތުރަށް ކުރިއަރައިގެން ދިޔުމަށް މުދާ އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރަންޖެހެއެވެ.

ވޯލްޑް ބޭންކުގެ 'ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް' ރިޕޯޓުގައި ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ، ހުސްވި އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އަލަށް ގިނަ އަދަދެއްގެ ރިސޯޓްތަކާއި ގެސްޓް ހައުސްތައް ހުސްވި އަހަރު ހުޅުވިގެންދިޔަކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ވަޒީފާއެއް ނެތް ޒުވާނުން ގިނަވަމުންދާ މައްސަލަ އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ އިޤްތިސާދުގައި އެންމެ މުޙިއްމު ދައުރެއް އަދާކުރާ ދެ ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތާއި، އިމާރަތްކުރުމުގެ ދާއިރާއިން އުފެދޭ ވަޒީފާގެ ފުރުސަތުތަކަށް ދިވެހިންގެ ފަރާތުން އެހާ ބޮޑު ތަރުހީބެއް ނުލިބޭ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.