ޚަބަރު

ކެންބެރާގައި ޑްރޯން ބޭނުންކޮށްގެން ޑެލިވަރީކުރުމުގެ ހުއްދަ ދީފި


އޮސްޓްރޭލިއާގައި ޑްރޯން ބޭނުންކޮށްގެން ޑެލިވަރީކުރުމުގެ ހުއްދަ ވިންގް ނަމަކަށް ކިޔާ ކުންފުންޏަކަށް ދީފިއެވެ.

މަޝްހޫރު ގޫގުލްގެ ބެލެނިވެރި ކުންފުނި، އެލްފަބެޓްގެ ދަށުން ހިނގާ ވިންގް ކުންފުންޏަށް ޑްރޯން ބޭނުންކޮށްގެން ތަކެތި ޑެލިވަރީކުރުމުގެ ހުއްދަ އޮސްޓްރޭލިއާގެ ސިވިލް އޭވިއޭޝަން ސޭފްޓީ އޮތޯރިޓީން ދީފައިވަނީ އަންގާރަދުވަހުއެވެ. އެގޮތުން ފުރަތަމަ ހުއްދަ ދީފައިވަނީ އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާގެ ވަކި ސަރަޙައްދެއްގައި މިޚިދުމަތްދޭ ގޮތަށެވެ.

އޮސްޓްރޭލިއާގެ ސިވިލް އޭވިއޭޝަން ސޭފްޓީ އޮތޯރިޓީން ބުނީ ޑްރޯން ބޭނުންކޮށްގެން ޑެލިވަރީކުރުމުގެ ހުއްދަ ވިންގް ކުންފުންޏަށް ދީފައިވަނީ ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހުކަމަށެވެ.

ވިންގުން ބުނާގޮތުން ޑްރޯން ބޭނުންކޮށްގެން ޑެލިވަރީކުރުމުގެ ހުއްދަ އޮސްޓްރޭލިއާ ސަރުކާރުން އެކުންފުންޏަށް ދީފައިވަނީ ކާމިޔާބުކަމާއެކު ޓެސްޓު ޑެލިވަރީތަކެއް ކުރުމަށްފަހުކަމަށެވެ. އެގޮތުން މިދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ކާމިޔާބުކަމާއެކީ ތިން ހާހަށްވުރެ ގިނަ ޑެލިވަރީކޮށްފައިވާކަމަށް ވިންގުން ބުނެއެވެ.

މިޚިދުމަތް ރަސްމީކޮށް ފަށާއިރު ފުރަތަމަ ޑެލިވަރީކުރާނީ 100 ގެއަކަށް ކަމަށާއި އޭގެފަހުން އިތުރު ގެތަކަށް ޑެލިވަރީ ފުޅާކުރެވޭނެކަމަށް ވިންގުން އުއްމީދުކުރެއެވެ.

ޑްރޯން މެދުވެރިކޮށް ޑެލިވަރީކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ހަދާފައިވާއިރު، އެޕްލިކޭޝަން މެދުވެރިކޮށް ބޭނުންވާ އެއްޗަކަށް އޯޑަރު ދިނުމުން ގިނަވެގެން 10 މިނެޓުގެ ތެރޭގައި އޯޑަރު ޑެލިވަރީކޮށްދޭނެއެވެ. މިގޮތުން ޑެލިވަރީ ކޮށްދޭ ތަކެތީގެ ތެރޭގައި އެކި ބާވާތުގެ ކާނާއާއި ކޮފީއާއި އައިސްކްރީމް އަދި ބޭސް ހިމެނެއެވެ.

ޓެސްޓު ޑެލިވަރީތައް ކުރިއަށްދިޔައިރު އެއްވެސް ނުރައްކާތެރި ހާދިސާއެއް ދިމާވެފައި ނުވިނަމަވެސް، ޑެލިވަރީކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ޑްރޯންގެ އަޑު ގަދަވުމުގެ ޝަކުވާ ކޮންމްވެސް ވަރަކަށް ލިބިފައިވާކަމަށް ވިންގުން ބުނެއެވެ. އެހެންކަމުން އެކުންފުނިން މަސައްކަތްކުރާނީ އާއްމުންގެ ޚިޔާލު ހޯދައިގެން، ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށްކަމަށް ވިންގުން ބުނެއެވެ.

ޑްރޯން ބޭނުންކޮށްގެން ޑެލިވަރީކުރުމުގެ ހުއްދަ ވިންގް ކުންފުންޏަށް ދީފައިވާއިރު، އެކަމުގައި އެކުންފުނިން އަމަލުކުރަންޖެހޭ އުސޫލުތަކެއް ހުރެއެވެ. ކުދި ގޯޅިތަކާއި ގެތަކުގެ މަތިން ޑްރޯން އުދުއްސިއަސް، ކާރޫބާރޫ ބޮޑެތި މަގުތަކުގެ މަތިން ޑްރޯން އުދުއްސުން މަނާވާނެއެވެ. މީގެ އިތުރުން ވަކި ވަރަކަށްވުރެ މަތީގައި ޑްރޯން އުދުއްސަންޖެހޭއިރު، ޑްރޯން އުދުއްސުން މަނާ ވަގުތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ވިންގުން ޑްރޯން ބޭނުންކޮށްގެން ޑެލިވަރީކުރުމުގެ ޚިދުމަތް އޮސްޓްރޭލިއާގައި ރަސްމީކޮށް ފަށަން ތައްޔާރުވާއިރު، އެކުންފުނިން ދަނީ ފިންލެންޑުގައިވެސް އެޚިދުމަތްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.