އައްޑޫސިޓީ އާއި ހުވަދު އަތޮޅާއި ދެމެދު އިތުރު ފްލައިޓުތަކެއް ފެށިއްޖެނަމަ ބައިނަލްއަޤްވާމީ އިތުރު އެއަރލައިންތައް އައްޑޫ ސިޓީއަށް ގެނައުމަށް މަގުފަހިވެގެންދާނޭކަމަށް ރާއްޖޭގެ އެންމެބޮޑު އެއް ޓްރެވަލް ކުންފުނި އިނަ މޯލްޑިވްސްއިން ބުނެފިއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާޤް ވިދާޅުވީ، އައްޑޫ ސިޓީ ގަމަށް ބައިނަލްއަޤްވާމީ އިތުރު އެއަރލައިންތައް ފަށަން ބަލާއިރު، އެންމެބޮޑު އެއް މައްސަލައަކީ ރިސޯޓްތަކުގައި ބެޑް ކެޕޭސިޓީ ނެތުންކަމަށެވެ.
ހުވަދު އަތޮޅަކީ އައްޑޫސިޓީ އާއި ވަރަށް ކައިރީގައި އޮންނަ ފަތުރުވެރިކަން ވަރަށްބޮޑަށް ކުރިއަރަމުން އަންނަ އަތޮޅެކެވެ. ހުވަދު އަތޮޅުގައި މިހާރުވެސް 10 ވަރަކަށް ރިސޯޓް އޮޕަރޭޓް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ފިރާޤް ވިދާޅުވީ، އައްޑޫ ސިޓީ ގަމުން ހުވަދު އަތޮޅަށް ވައިގެ ދަތުރުތައް ފެށިއްޖެނަމަ، އައްޑޫ ސިޓީ ގަމަށް ބައިނަލްއަޤްވާމީ އިތުރު އެއަރލައިންތައް ފެށުމުގެ ފުރުސަތު ބޮޑުވެގެންދާނޭކަމަށެވެ.
" ހުވަދު އަތޮޅަކީ ވަރަށް ބޮޑު އަތޮޅެއް. ހުވަދު އަތޮޅުގައި ދިހަ ވަރަކަށް ރިސޯޓް އޮޕަރޭޓް ކުރަމުން އަންނައިރު، މިހާރުވެސް ގިނަ އަދަދެއްގެ ރިސޯޓުތަކެއް އެދަނީ ތަރައްޤީކުރަމުން. މި ދެންނެވިގޮތަށް ވައިގެ ދަތުރުތައް ފެށިއްޖެ ނަމަ އައްޑޫސިޓީގެ އިތުރަށް ހުވަދު އަތޮޅު ތަރައްޤީވެގެންދާނެ" އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާޤް ވިދާޅުވިއެވެ.
އައްޑޫސިޓީ ގަމަށް ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނަ ހަމައެކަނި އިންޓަރނޭޝަނަލް އެއަރލައިނަކީ، ސްރީލަންކަން އެއަރލައިނެވެ.
ސްރީލަންކަން އެއަރލައިންސްގެ އޭޖެންޓްކަންވެސް ކުރައްވަމުން އަންނަ މުޙައްމަދު ފިރާޤް ވިދާޅުވީ ސްރީލަންކަންގެ ދަތުރުތައް އައްޑޫ ސިޓީގެ ގަމަށް ފެށިފަހުން އެއަތޮޅަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. މިގޮތުން އެ ސަރަހައްދުގެ ވިޔަފާރިތަކަށާއި، ކާބޯތަކެތީގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފިރާޤް ފާހަގަކުރެއްވިއެވެ.
މިދިޔަ ހަފްތާގައި އިމިގްރޭޝަނުން ވަނީ ވަރކް ވިސާގައި އަލަށް ރާއްޖެ އަންނަ ބިދޭސީން ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.
މިކަމާއި ގުޅޭގޮތުން ފިރާޤް ވިދާޅުވީ މިއީ ސްރީލަންކަން އެއަރލައިނުން އައްޑޫސިޓީ ގަމަށް ކުރާ ދަތުރުތަކަށް ލިބިގެންދާނޭ ވަރަށްބޮޑު ފަސޭހައެއްކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން އައްޑޫސިޓީގެ ވިޔަފާރިތަކަށް މާލީގޮތުންވެސް ވަރަށްބޮޑު ލުއިކަމެއް ލިބިގެންދާނޭކަމަށް އިނަ މޯލްޑިވްސްއިން ފާހަގަކުރެއެވެ.
ގޭން އިންޓަރނޭޝަން އެއަރޕޯރޓުން ރާއްޖެއަށް އަލަށް ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކި އައްޑޫގެ ވިޔަފާރިވެރީންނާއި އާއްމު ރައްޔިތުން ޒަމާނުއްސުރެ އެދިއެދި ތިބިކަމެކެވެ.
އަލަށް ވަޒީފާއަށް އަންނަ ބިދޭސީން ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުން އައްޑޫގެ ރައްޔިތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވެއެވެ.
މި ގޮތުން ބިދޭސީ މަސައްކަތްތެރީން އައްޑޫއަށް ގެނައުމަށް ޓިކެޓުގެ ޚަރަދާއި، މާލޭގައި މަޑުކުރަން ޖެހިއްޖެ ނަމަ ގެސްޓު ހައުސްއަށާއި ކެއުމަށް ހިނގާ ޚަރަދު ހިމެނެއެވެ. މިކަމުގެ ސަބަބުން މާލީ ދަތިތަކާއި ކުރިމަތިވަމުން ދިއުމާއި ގުޅިގެން އައްޑޫގެ ރައްޔިތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ ފާހަގަކޮށްފައެވެ.