ޚަބަރު

ކުލަބު މޯލްޑިވްސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާއްސަ މެޗެއް ކުޅެނީ!


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެ ގޮތުން ޔުނިޓީ މެޗެއް ކުޅުމަށް ހަމަޖެހިފައިވާކަމަށް ކުލަބް މޯލްޑިވްސްއިން ބުނެފިއެވެ.

މިއަންނަ އަންގާރަ ދުވަހު ފެށުމަށް ހަޖެހިފައިވާ މިމުބާރާތުގެ ޖޯޒީ ދައްކާލުމާއި މުބާރާތް ހުޅުވުމުގެ ގޮތުން ވަރަށް ހާއްސަ ޔުނިޓީ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ޔުނިޓީ މެޗް ހާއްސަވެގެންދަނީ މިމެޗްގައި އެއްކޮޅުން ވާދަކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމްއަކާއި ރާއްޖޭގައި އުފެދުނު ކުރީގެ މޮޅެތި ކުޅުންތެރިންގެ ޓީމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުގެ ޓީމްގައި ކުޅުމަށް ހަމަޖެހިފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމާއި ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންނެވެ. ފުޓްބޯޅައިގެ ލެޖެންޑުންގެ ޓީމްގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މޫސާ މަނިކް (ކުޑަ މޫސަ)އާއި އިބްރާހިމް ނޫރައްދީންގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު މުހައްމަދު އިބްރާހިމް (ކައްޕި) ހިމޭނެއެވެ.

ކުލަބް މޯލްޑިވްސްއިން މަޢުލުމާތުދިން ގޮތުގައި މިމެޗަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، އެންމެ އެކުގައި އެއްތަނަކަށް އެއްވެސް އެކުވެރިކަން ބަދަހި ކުރުމެވެ.

މިއަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިމެޗްގެ ކުރިން ކުލަބް މޯލްޑިވްސްއާއި އެއިޓީން ތާޓީ ވުމަންސް ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ ޓީމްތަކުގެ ޖާޒީ ދައްކާލުންވެސް އޮންނާނެ. މިރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހު ހަވީރު 04:30ގައެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ކުލަބް މޯލްޑިވްސްއާއި އެއިޓީން ތާޓީ ވުމަންސް ފުޓްސަލް ފިއެސްޓާގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މެޗްތަށް ކުރިއަށްދާނީ ރެހެންދި ސްކޫލްއާއި އިންވެގެންއިން ޓާފް ދަނޑުގައެވެ.

މިއަހަރުގެ ކުލަބް މޯލްޑިވްސް ކަޕްގައި 32 ޓީމް ބައިވެރިވާއިރު އަދި އެއިޓީން ތާޓީ ވުމަންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރަނީ 9 ޓީމެވެ.