ޚަބަރު

މަޖިލީހަށް މިފަހަރު ހޮވުނީ އެންމެ 4 އަންހެނުން


މިފަހަރުގެ މަޖިލީހުގެ އިންތިޚާބަށް 37 އަންހެން ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ގޮނޑި ކާމިޔާބުކުރެވުނީ އެންމެ ހަތަރު އަންހެން ކެނޑިޑޭޓުންނަށެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންގެ އަދަދު މަދުވުމަކީ އަބަދުވެސް ދެކެވޭ ވާހަކަައެކެވެ. ޖިންސީ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންގެ އަދަދު އިތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރެެއެވެ. އެހެން ނަމަވެސް އެކަމުގެ އެދެވޭ ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ތަނެއް ނުފެނެއެވެ. މިކަން ހާމަވެގެންދާ އެއް ކަމަކީ މި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަށްޑިހަ ހަތް ގޮނޑިއަކަށް ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން 386 ކެންޑިޑޭޓުން ވާދަކުރިއެވެ. މީގެތެރެއިން 37 ކެންޑިޑޭޓުންނަކީ އަންހެން ބޭފުޅުންނެވެ. އަންހެން ކެނޑިޑޭޓުންވެސް ގޮނޑި ކާމިޔާބުކުރުމަށް ވަރުގަދަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ރަށްރަށަށް ޒިޔާރަތްކޮށް ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް މަޖިލީސް އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މިފަހަރު މަޖިލީހަށް ހޮވިފައިވަނީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ. މިއީ މަޖިލީހުގެ ހަތަރެއް ޕޮއިންޓް ފަހެއް އިންސައްތައެވެ.

މިފަހަރު މަޖިލީހަށް ހޮވިފައިވާ އަންހެން ބޭފުޅުންނަކީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް އީވާ އަބްދުﷲ، ބ ތުޅާދާ ދާއިރާގެ ގޮނޑިއަށް ހިސާން ހުސެއިން، ހިންނަވަރު ދާއިރާގެ ގޮނޑިއަށް ޖީހާން މަހުމޫދާއި އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ރޮޒައިނާ އާދަމެވެ. މި ހަތަރު މެމްބަރުންނަކީވެސް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ކެންޑިޑޭޓުންކަން ފާހަގަކޮށްލެވެއެވެ. މީގެތެރެއިން އީވާ އަބްދުﷲ އަދި ރޮޒެއިނާ އާދަމް މިއީ ޖެހިޖެހިގެން މަޖިލީހަށް ހޮވުނު 3 ވަނަ ދައުރެވެ.

މިހާރު ހިނގަމުންދާ 18 ރައްޔިތުންގެ މަޖިލީލަށް ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު ފަސް އަންހެން ބޭފުޅުން އިންތިޚާބުވެވަޑައިގަތެވެ. އެއީ ރޮޒައިނާ އާދަމް، އީވާ އަބްދުﷲ، އަނާރާ ނައީމް، އަސްމާ ރަޝީދު އަދި މާރިޔާ އަހުމަދު ދީދީއެވެ. މީގެ ތެރެއިން މާރިޔާ އަހުމަދު ދީދީ ވަނީ ޑިފެންސް މިނިސްޓަރަކަށް ވަޑައިގަތުމަށްޓަކައި މަޖިލިހުން އިސްތިއުފާ ދެއްވާފައެވެ. މިބޭފުޅުންގެ ތެރެއިން މިފަހަރު ގޮނޑި ކާމިޔާބުކުރެވުނީ އީވާ އަދި ރޮޒައިނާއަށް އެކަންޏެވެ. މަކުނުދޫ ދާއިރާއަށް ކުރިމަތިލެއްވި އަނާރާ ނައީމާއި މާފަންނު މެދު ދާއިރާގެ މަޖިލިސް މެމްބަރުކަމުގައި ހުންނެވި އަސްމާ ރަޝީދަށްވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަންޖެހިފައެވެ.