ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމްޑީޕީއަށް މަރުހަބާ ކިޔައިފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުޚަބާ ކިޔައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ފައިސަލް ވިދާޅުވީ އެމްޑީޕީން ހޯދި ކާމިޔާބީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއާއި ރައީސް ނަޝީދާއި އެމްޑީޕީއަށް މަރުޙަބާ ކިޔާކަމަށެވެ. އަދި އެމްޑީޕީއަށް ލިބުނު ސުޕަރ މެޖޯރިޓީއާއެކު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ، ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަން ހާސިލު ކުރެވިގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކޯލިޝަނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައީސް ޔާމީން ހައްޔަރުކޮށް، ސިޔާސީގޮތުން ކުރިމަތިވި ގޮންޖެހުންތަކެއްގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އެގޮތުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިންއަށް ޚަރަދުކުރަން ހުރި ފައިސާ ސަރުކާރުން ހިފެއްހެއްޓުމުން ސިޔާސީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޮޑު ދައްޗެއް ކުރިމަތިވިކަމަށް ފައިސަލް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރާނެކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ތާޢީދުކުރެއްވި ހުރިހާ ބޭފުޅުންނާއި ރައީސް ޔާމީންއަށް ތާޢީދުކުރައްވާ ހުރިހާ ބޭފުޅުން ހިތްވަރު އެލުވާނުލާ، ކުރިއަށްދިއުމަށް ފައިސަލް އިލްތިމާސްކުރެއްވިއެވެ.