ޚަބަރު

މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރެއްވި މަޝްހޫރު ބޭފުޅުންނާއި ކާމިޔާބު ނުކުރެއްވުނު ބައެއް ބޭފުޅުން


ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުގައި ތިން ސަތޭކައަށްވުރެ ގިނަ ބޭފުޅުން ވާދަކުރެއްވިއިރު، އޭގެ ތެރޭގައި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކާއި ނާއިބު ރައީސެއްގެ އިތުރުން، ކުރީގެ ވަޒީރުންނާއި ދައުލަތުގެ އިސް މަޤާމްތައް ފުރުއްވި ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މީގެ ތެރެއިން ބައެއް ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު، ދެން ތިއްބެވި ބޭފުޅުންނަށް ގޮނޑި ކާމިޔާބު ކުރެއްވޭ ގޮތެއް ނުވިއެވެ. ގޮނޑި ކާމިޔާބުކުރެއްވި މަޝްހޫރު ބޭފުޅުންގެ ތެރޭގައި، މައްޗަންގޯޅި މެދުދާއިރާގެ ގޮނޑި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ގަލޮޅު އުތުރު ދާއިރާގެ ގޮޑި އީވާ އަބްދުﷲ ކާމިޔާބުކޮށްފައިވާއިރު، މާފަންނު އުތުރު، ދާއިރާގެ ގޮނޑި އިމްތިޔާޒް ފަހުމީ ވަނީ ކާމިޔާބުކޮށްފައެވެ. އަދި ހަސަން ލަތީފް ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

ބ ތުޅާދާ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ހިސާން ހުސެއިން ކާމިޔާބުކޮށްފައިވާއިރު، ޕީޕީއެމްގެ އިބްރާހިމް ފަލާހާއި ވާދަކޮށް އެމްޑީޕީގެ ހަސަން އަހުމަދު ހަސަންޓޭ ވަނީ އިނގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

ރ މަޑުއްވަރީ ދާއިރާގެ ގޮނޑި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކާމިޔާބުކުރެއްވިއިރު، އާދަމް ޝަރީފާ ވާދަކޮށްފައިވަނީ، ޖުމްހޫރީ ޕާޓީގެ މުހައްމަދު އަމީތު އަދި އެމްޓީޑީގެ އަބްދުﷲ ޔާމީން އާއެވެ.

މީގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ލ މާވަށު ދާއިރާއަށް ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރައްވާފައެވެ.

މަޝްހޫރު ވިޔަފާރިވެރިންގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އދ މާމިގިނލީ ދާއިރާގެ ގޮނޑި ކާމިޔާބުކުރިއިރު، ސަންޓްރެވަލް އަހުމަދު ޝިޔާމް ވަނީ ދ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
ޢަދި ބޮޑެތި ވައުދުތަކާއިއެކު މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކ ކާށިދޫ ދާއިރާއަށް ކުރިމަތިލި ޔޮޓް ޓުއާސްގެ، ޢަބްދުﷲ ޖަބިރު ވަނީ، އެ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

އިންތިޚާބުގައި ވާދަކުރެއްވި މަޝްހޫރު ބޭފުޅުންގެ ތެރެއިން އެންމެބޮޑު ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެއް ބޭފުޅަކީ، ކުރީގެ ނާއިބުރައީސް މުހައްމަދު ޖަމީލް އަހުމަދެވެ.
މީގެ އިތުރުން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ، ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން، އަދި ހދ ކުޅުދުއްދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ނަޝީދު ހިމެނެނީ ގޮނޑި ކާމިޔާބު ނުކުރެއްވުނު ބޭފުޅުންގެ ތެރޭގައެވެ.

މީގެ އިތުރުން މިފަހަރު ގޮނޑި ދިފާއުކުރައްވަން ނިކުތް ބޭފުޅުންގެ ތެރެއިންވެސް ބައެއް ބޭފުޅުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންފައެވެ.

އެ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޕާޓީގެ ޕޯޑިއަމްތަކުން އެންމެބޮޑަށް ފާހަގަވި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން، ޕީއެންސީގެ ވަގުތީ ރައީސް އަބްދުރަހީމް އަބްދުﷲ، ގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

އަދި އަދާލަތު ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީސް ތަމްސީލްކުރާ ހަމައެކަނި މެމްބަރު އަނާރާ ނައީމަށްވެސް މިފަހަރު ވަނީ މަކުނުދޫ ދާއިރާގެ ގޮނޑި ގެއްލިފައެވެ.

ގިނަ ފޮށިތަކެއްގެ ވޯޓުގެ ނަތީޖާ މިހާތަނަށް ލިބިފައިވާއިރު، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ގޮނޑިތައް ތަމްސީލްކުރާނޭ ދާއިރާތަކުގެ މެމްބަރުން މިހާރު ވަނީ ގާތްގަނޑަކަށް މުޅިންހެން ކަށަވަރުވެފައެވެ.