ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް 79 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެއް އަތޮޅަކުން ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ މާލެ އަތޮޅުންނެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ 79،732،723 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ މަހު ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ 78،248،272 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު، %1.89 އެކެއް ޕޮއިންޓް އަށެއް ނުވައެއް އިންސައްތަ އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ގްރީން ޓެކުހުގެ ގޮތުގައި އެއް އަތޮޅަކުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެއީ 27 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް އާމްދަނީ ލިބިފައިވަނީ، އދ. އަތޮޅުންނެވެ. އެއީ9.8 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅުންނެވެ. އެއީ 6.5 މިލިއަން ރުފިޔާއެވެ.
ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ ތެރެއިން ރިސޯޓްތަކުން ފެބްރުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި 72 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ހޮޓާތަކުން 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ގެސްޓްހައުސްތަކުން 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މި މުއްދަތުގެ ތެރޭގައި ސަފާރީ އުޅަނދުތަކުން ގްރީން ޓެކްސްގެ ގޮތުގައި 2.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.