ވިޔަފާރި

އަމިއްލަ ކުންފުންޏަކުން ދަޢުލަތަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި


ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފިއެވެ.

ސިވިލްކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ، ޖީއެސްޓީ ނުދައްކައިގެން ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބީއެމްސީއާއި ދެކޮޅަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައެވެ.

ސިވިލްކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަކީ 2012 ވަނަ އަހަރު މީރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ.

މިގޮތުން 4 އޭޕްރިލް 2019ގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި 1,486,948 ރުފިޔާ ދައުވާލިބޭ ބީއެމްސީން މީރާއަށް ދައްކަންޖެހިފައި އޮންނަކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދަޢުވާލިބޭ ބީއެމްސީގެ ބަހުން ޝަރީއަތަށް ސާބިތުވާތީ، މިއަދުގެ ނިޔަލަށް ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި 3,649,571 ރުފިޔާ މިއަދުން ފެށިގެން 9 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް ސިވިލްކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެންދަނީ ދައުލަތައް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓު މެދުވެރިކޮށްވެސް މަސައްކަތްކުރަމުންނެވެ.

މިގޮތުން ދައުލަތައް ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުވެސް ގިނަ ފަރާތްތަކެއްގެ މައްސަލަތައް ސިވިލްކޯޓަށް ހުށަހަޅާފައިވާކަމަށް މީރާއިން ބުނެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް މީރާއިން ވަނީ ކާމިޔާބުކޮށްފައެވެ.