ޚަބަރު

ޗައިނާ އިން މި މަހު ބާއްވާ ސަމިޓުގައި އެމެރިކާއިން ބައިވެރިނުވާން ނިންމުން


ޗައިނާއިން އޭޝިޔާ އާއި ވިލާތުގެ ޤައުމުތައް ގުޅުވާލުމަށް ހިންގާ ބިޔަ މަޝްރޫޢުއާ ބެހޭގޮތުން މަޝްވަރާކުރުމަށް މި މަހު އެ ޤައުމުގައި ބާއްވާ ސަމިޓަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލެއް ނުފޮނުވާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ މި މަހުގެ ފަހުކޮޅު ބެއިޖިންގައި އޮންނަ މި ސަމިޓްގައި ދުނިޔޭގެ ސާޅިސް ޤައުމެއްގެ ލީޑަރުން ބައިވެރިވަޑައިގަންނަވާނެކަމަށެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، މިމަހު އޮންނަ މިކަމާ ގުޅޭ ދެވަނަ ސަމިޓުގައި އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ބައިވެރިވަޑައިނުގަންނަވާނެކަމަށެވެ.

އެމެރިކާގެ އޮފިޝަލު ވިދާޅުވީ، ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި ގެންގުޅޭ ދޯދިޔާ އުސޫލުތަކާ ބެހޭގޮތުން އެމެރިކާއިން ކަންބޮޑުވުންތައް ފާޅުކުރަމުންދާނެކަމަށެވެ. އެމެރިކާގެ އޮފިޝަލު ވިދާޅުވީ، އެގައުމުން ވަނީ މި ކަންބޮޑުވުންތަކަށް އެކަށިގެންވާ ޖަވާބުދިނުމަށް ޗައިނާއަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފައިކަމަށެވެ.

އެމެރިކާއިން ބުނެފައިވަނީ ޗައިނާގެ މި މަޝްރޫޢުގެ ސަބަބުން ޤައުމުތަކަށް ބޮޑެތި ދަރަނިތައް އަދާކުރަން ޖެހޭކަމަށެވެ. ހޮނިހިރު ދުވަހު ޗައިނާއިން ބުނެފައިވަނީ އެ ގައުމުކުރިއަށް ގެންދާ މި މަޝްރޫޢުއާ ބެހޭ ގޮތުން މިފަދަ ފާޑުކިއުންތައް އަމާޒުކުރާ ގައުމުތަކަކީ ތަފާތުކުރުމުގެ ސިޔާސަތުތައް ގެންގުޅޭ ގައުމުތަކެއްކަމަށެވެ.

އަދި ޗައިނާގެ މި މަޝްރޫޢުގެ ސަބަބުން ޤައުމުތަކުގެ ބޮލުގައި ބޮޑެތި ދަރަނިތައް އެޅެމުން ނުދާކަމަށާއި، މިއީ ތަރައްޤީ އާއި ކުރިއެރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.