ވިޔަފާރި

ބަރެސްދޫ ޕްރޮޖެކްޓްގައިވެސް ހިޔާނާތުގެ މައްސަލަތަކެއް


އެމްއެމްޕީއާރުސީން ކުރިން އެކި ފަރާތްތަކަށް ދީގެން ގެސްޓް ހައުސް މަޝްރޫއު ހިންގަން ހަމަޖައްސާފައިވާ، ލ. ބަރެސްދޫ ޕްރޮޖެކްޓުގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ގެއްލުން ވެގެންދިޔަ ކަމަށް މިހާރު އެ މަޝްރޫޢު ކުރިއަށް ގެންދާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބުނެފިއެވެ.

އެމްއައިޓީޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ އެމްއެމްޕީއާރްސީން އޭރު ބަރެސްދޫއިން އެތައް ބަޔަކަށް ބިން ވިއްކާފައިވާ ކަމަށެވެ. އެގޮތުން 19 ބަޔަކަށް ބިން ވިއްކާފައިވާއިރު އެތައް މިލިއަން ރުފިޔާއެއް އެމްއެމްޕީއާރްސީން ވަނީ ބިން ވިއްކައިގެން ހޯދާފައެވެ. ބަރެސްދޫއިން ބިއް ވިއްކައިގެން 34.6 މިލިއަން ރުފިޔާ އެމްއެމްޕީއާރްސީން ވަނީ ނަގާފައެވެ.

"މީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ދެވަނަ ނުކުތާއަކީ އެމްއެމްޕީއާރްސީން މިތަނުގައި ޕްލޮޓްސް ވިއްކާފައިވަނީ އެލްއޭސީ މޮޑެލްއަށް. މާނައަކީ ލޭންޑު އިކުއުޒޭޝަން ކޮސްޓު ނެގުމަށްފަހު ބިން މިލްކު ކުރެވޭ މޮޑެލްއަކަށް ވިއްކާފައި ވަނީ މިއީ އަޅުގަނޑުމެންގެ ޤާނޫނުތަކާއި މުޅިން ޚިލާފަށް ވިއްކާފައި އޮތް ވިއްކުމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން. ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއް ޤަވާއިދެއް ހުއްދައެއް ނުކުރޭ މިގޮތަށް ފަޅު ރަށްރަށުގައި ވަކިން ގެސްޓު ހައުސް ހަދަން ސަރުކާރުން ބިން ވިއްކާކަށް،" ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ބަރެސްދޫ މަޝްރޫއަށް ކޮންޓްރެކްޓް އުސޫލުން ބޭރުންނާއި މަޝްރޫޢުއާއި އެއްވެސް ގުޅުމެއް ނެތް ކަންކަމަށްވެސް ފައިސާ ހޭދަކޮށްފައިވާ ކަމަށެވެ. އެގޮތުން ސީނިއަ މެނޭޖުމަންޓުން ފެއާތަކަށް ދާން ދެ މިލިއަން ރުފިޔާ އަދި އައްޑޫ އިންޓަގްރޭޑެޓް ޓޫރިޒަމް ޕްރޮޖެކްޓަށް އެއް މިލިއަން ރުފިޔާ އަދި ޕްރޮޖެކްޓް ޕާމްގެ ނަމުގައި 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އެމްއައިޓީޑީސީގެ އެމްޑީ ރާއިދު ވިދާޅުވީ، މި ސަރުކާރުން ކުންފުންޏާއި ހަވާލުވިއިރު ކުންފުނިއޮތީ 25 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ. ނަމަވެސް ބަރެސްދޫ ޕްރޮޖެކްޓް ހުއްޓާލުމަށް ނުވިސްނާކަމަށް އޭނާ ވިދާޅުވިއެވެ.

"އެޑްވާންސްކޮށް ޑިޕޮސިޓް ފައިސާތަކެއް ދީފަހުރި ފަރާތްތަކެއްގެ ފައިސާ މެނޭޖްކުރަން ނުވާނެ ގޮތަކަށް ފައިސާ މެނޭޖްކުރުމުގެ ސަބަބުން މި ފައިސާތައް މިހިރީ ކުރީގެ މެނޭޖްމަންޓުން އެއްކޮށް ބޭނުންކޮށް ހުސްކޮށްފައި. ކުންފުނި ދަރަނިވެރިކޮށްފައި މިހުރީ 25 މިލިއަން ރުފިޔާއިން." ރާއިދު ވިދާޅުވިއެވެ.

މިއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން 2014ވަނަ އަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހު ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ‏‏އިންވެސްޓް ކުރުމުގެ ފުރްޞަތު ތަނަވަސްކޮށްދެއްވުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގަވާ ‏‏ގެސްޓްހައުސްތަކަށް ޚާއްޞަ ރަށްރަށް ތަރައްޤީ ކުރެއްވުމުގެ ނަމުގައި އިފްތިތާޙް ކުރި މަޝްރޫޢުކެވެ. އޭރު މި މަޝްރޫޢަށް ކިޔާފައި ވަނީ "ތުނބުރި" މަޝްރޫއެވެ. މިއީ ލ. އަތޮޅުގެ ރަށެކެވެ. ނަމަވެސް ފަހުން މި ޕްރޮޖެކްޓު ހިންގުން ލ.އަތޮޅު ބަރެސްދޫއަށް ބަދަލުކުރިއެވެ. އެމްއެމްޕީއާރްސީން މީގެކުރިން ކުރިއަށް ގެންދިޔަ މި މަޝްރޫޢު ލ. ބަރެސްދޫއަށް ބަދަލުކުރީ އެރަށް ބޮޑު ކަމުން ކަމަށް އެމްއެމްޕީއާރްސީން މީގެކުރިން ވަނީ ބުނެފައެވެ.