ވިޔަފާރި

ހޮޓެލިއަރ މޯލްޑިވްސް ޖީއެމް ފޯރަމް ފަށައިފި


ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުން ހުރި ކަންތައްތަކާއި، ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޖީއެމް ފޯރަމް ފަށައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ފެށި މިފަހަރުގެ ފޯރަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ބައިވެރިވެއެވެ.
މިފަހަރުގެ ފޯރަމުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ތަޖުރިބާކާރު ބޭފުޅުންގެ ތަގުރީރުތަކާއި ދާއިރާއާއި ގުޅުންހުރި އެކިއެކި ކަންކަމުގެ މައްޗަށް ބިނާކޮށް ޕްރެޒެންޓޭޝަންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން މިފަހަރުގެ ފޯރަމް މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި ފަތުރުވެރިކަންކުރާ ތަންތަން އަދި ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން، މަސައްކަތްތެރީންގެ ހުނަރު އަދި މި ދާއިރާގައި ހުރި ތަޢުލީމީ ފުރުޞަތުތައް، އަދި މި ދާއިރާގައި މަސައްކަތްކުރާ އަންހެން ކަނބަލުންގެ ދައުރާއި އެ ފަރާތްތަކަށް ހުރި ފުރުސަތުތައް ހިމެނެއެވެ.

މީގެ އިތުރުންވެސް މި އަހަރުގެ ބައްދަލުވުމުގައި ފާހަގަކޮށްލެވޭ 2 ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ދާނެއެވެ. މި މަޝްވަރާތަކުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށް އޮތް ގޮންޖެހުންތަކާއި، މި ދާއިރާގައި ހުރި ތަޢުލީމީ ފުރުޞަތުތައް، އަދި މި ދާއިރާގައި މަސައްކަތްކުރާ އަންހެން ކަނބަލުންގެ ދައުރާއި އެ ފަރާތްތަކަށް ހުރި ފުރުޞަތުތަކަށެވެ.

މިފަހަރުގެ ފޯރަމުގައި 30 ހަށްވުރެ ގިނަ ރިސޯޓް ހޮޓާތަކުން 100 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.