ވިޔަފާރި

ދަ ސީޖީ އެފަރޓްސް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ދަ ސީޖީ އެފަރޓްސް އެވޯޑް 2020 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ހުޅުވާލައިފިއެވެ.

މިއެވޯޑަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ދެ ބައި ކަމަށްވާ، ލިސްޓަޑް އަދި ނޮން ލިސްޓަޑް ކެޓެގަރީއަށް ބަހާލައިގެން ދިނުމަށް ރާވާފައިވާ އެވޯޑެކެވެ. މިއެވޯޑުގެ މަޤްސަދަކީ ޕްރައިވެޓް ސެކްޓަރ ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކުރުމާއި، ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ބައްޓަންކޮށް ހަރުދަނާކުރުމަށް ކުންފުނިތަކުން ކުރާ މަސައްކަތްތައް ދެނެގަތުމާއި، އެމަސައްކަތްތަކަށް ތަރުޙީބުދިނުމާއި، އެފަދަ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ.

ރާއްޖޭގައި ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކުރުމަކީ ސީ.އެމް.ޑީ.އޭގެ މުހިންމު ލަނޑުދަނޑިއެކެވެ. މިގޮތުން ކޯޕަރޭޓް ގަވަރނަންސްގެ މައިގަނޑު އަސާސްތަކުގެ މައްޗަށް ބިނާކޮށް "ސީ.އެމް.ޑީ.އޭ ކޯރޕަރޭޓް ގަވަރނަންސް ކޯޑް" ގެ ނަމުގައި ކޯޑެއް ވަނީ ތަޢާރަފްކޮށްފައެވެ. އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުން އަންނަނީ މިކޯޑަށް ޢަމަލުކުރަމުންނެވެ. މީގެ އިތުރުން، ޕްރައިވެޓް ސެކްޓަރ ކުންފުނިތަކުގެ ތެރެއިން މިކޯޑަށް ޢަމަލުކުރުމަށް ޝައުގުވެރިވާ ކުންފުނިތަކަށް މިކަމުގެ އެހީތެރިކަންވެސް ސީ.އެމް.ޑީ.އޭ އިން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ޕަބްލިކް ލިސްޓަޑް ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ކުންފުނިތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކާއި، އަދި ކުންފުނިތަކުގެ ސެކްރެޓަރީންނަށް އަމާޒުކޮށްގެން ކޯޕަރޭޓް ގަވަރނަންސް ޓްރެއިނިންގ ޕްރޮގްރާމްތައް ގަވައިދުން އަންނަނީ ހިންގަމުންނެވެ.

ދަ ސީޖީ އެފަރޓްސް އެވޯޑަކީ ކޯޕަރޭޓް ގަވަރނަންސް ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއަށް އިތުރުކުރެވިގެންދާ މުހިންމު ކަމެއްގެ ގޮތުގައި ސީ.އެމް.ޑީ.އޭއިން ފާހަގަކުރެއެވެ. މި އެވޯޑު ގެ އެޕްލިކޭޝަން ފޯމު ސީ.އެމް.ޑީ.އޭގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.