ވިޔަފާރި

އެމްޓީސީސީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ ހިންގާ ޤަވާއިދު ގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބެލުމަށްފަހު ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން 2 ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭކަމަށެވެ. 2 ޑިރެކްޓަރުން އިންތިހާބު ކުރާނީ މިއަހަރު ބާއްވާ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައިކަމަށް އެމްޓީސީސީން ބުނެއެވެ.

ޑިރެކްޓަރުންގެ މަޤާމަށް އެދި ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޓީސީސީގެ ޙިއްސާދާރެއްކަމުގައިވުމާއި ތަޢުލީމީ ބޭފުޅަކަށްވުމާއި ކުންފުނީގެ އަސާސީ ޤަވާއިދުގައި ހުރި މަޤުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން ފަދަ ޝަރުތުތައް ހިމެނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ ސައުވީސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ފެކްސް އަދި މެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެކަމަށާއި އެ ކުންފުނީގެ ވެބްސައިޓުން ފޯމް ލިބެން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.